13 Dec 2010, 05:27
ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާ މިއަދު މަޝްވަރާކުރައްވުމަށް ފަހު ދައުލަތުގެ ބަޖެޓްގެ މަރުހަލާ ރައްޔިތުންގެ މަޖިލީހުގައި ދެން ކުރިއަށްގެންދާނެ ގޮތެއްގެ ކަންތައްތައް ނިންމަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމާ އެކު، ނިޒާމީ މައްސަލަ ނަންގަވައި ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް މަޖިލީހަށް ފޮނުއްވާފައިވާ ބަޖެޓް މަޖިލީހުން ބަލައިގަނެ ގިނަ ދުވަސްތަކެއް ފާއިތުވެފައި ވުމާއި މިއަދުގެ ޖަލްސާގައި ބަޖެޓްގެ މަރުހަލާ ކުރިއަށް ގެންދަވާނެ ކަމަށް ކުރިން މައުލޫމާތު ދެއްވާފައި، އެ މައްސަލަ ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ނުވާތީ، އެކަންތައް ސާފުކޮށްދެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގަތުމުން މޫސަ އަށް ދެއްވި ޖަވާބުގައި ޝާހިދު ވިދާޅުވީ، ބަޖެޓްގެ މަރުހަލާ މަޖިލީހުގައި ކުރިއަށް ގެންދަން ޖެހޭ ކަމަށް، ފިނޭންސް މިނިސްޓްރީ ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މަހްމޫދު ރާޒީއަށް ދަންނަވާފައިވާނެ ކަމަށެވެ.
"ފިނޭސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަހްމޫދު ރާޒީއާ ހަވާލު ކުރައްވާފައިވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެމަނިކުފާނު ރާއްޖެ އިން ބޭރުގައި ހުންނަވަނިކޮށް އަޅުގަނޑު ފޯނުން ގުޅައި މަޖިލީހަށް ބަޖެޓް ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދަން ޖެހޭ ކަމަށް ވާނީ ދަންނަވައިފައި. އަޅުގަނޑު ކައިރީގައި މިނިސްޓަރު (މަހްމޫދު ރާޒީ) ވިދާޅުވެފައި އޮތީ މިވަގުތު މިހުންނެވީ ރާއްޖެ އިން ބޭރުގައޭ، ދަތުރުފުޅާ ބެހޭ ގޮތުން އަޅުގަނޑަށް ޖަވާބު އެބަ ދެއްވަމޭ. އަޅުގަނޑު މަޑުކޮށްގެން މިހުންނަނީ މިނިސްޓަރު ޖަވާބެއް ދެއްވާނެ ކަމަށް. އާދިއްތަ ދުވަހު އަޅުގަނޑު ވާނީ މިނިސްޓަރަށް އެވާހަކަ ދަންނަވައިފައި."
ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު މެދުވެރިކުރައްވައި، އެ މައުލޫމާތު ހަމަ އެގޮތަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވެސް އަރުވާފައިވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މޫސަގެ ސުވާލަށް ޝާހިދު ދެއްވި ޖަވާބާ ގުޅިގެން، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު، ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަޖެޓް ހުށަހަޅަން ޖެހޭނީ ފިނޭންސް މިނިސްޓަރު ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅަކަށް ބަޖެޓް ހުށަހެޅިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީން އެކަމާ ބެހޭ މިސާލެއް ވިދާޅުވުމަށް ރިޔާޒު މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ރިޔާޒު ނެންގެވި ނިޒާމީ މައްސަލައެއް ނޫން ކަމަށާއި މިއަދުގެ ޖަލްސާއަކީ ބަޖެޓާ ބެހޭ މަޝްވަރާ ކުރިއަށްދާ ޖަލްސާއެއް ނޫން ކަމަށް ވިދާޅުވެ ޝާހިދު ވަނީ ރިޔާޒުގެ ވާހަކަ މެދުކަނޑުއްވާލައްވައިފަ އެވެ.