12 Jan 2014, 12:45
ޓެކްސީގެ އާ ގަވާއިދު ތައާރަފްވުމާއި ގުޅިގެން އެސްއެމްއެސް މެދުވެރިކޮށް ޓެކްސީތަކާ ބެހޭ ޝަކުވާތަށް ހުށަހަޅޭނެ ލުއި ގޮތެއް ހެދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުލް ރަޝީދް ނާފިޒް ވިދާޅުވީ ޓެކްސީތަކާ ބެހޭ ގޮތުން އެކި ކަހަލަ މައްސަލަތަށް އެ އޮތޯރިޓީއަށް ހުށަހަޅަމުންދާ ކަމަށެވެ. އެގޮތުން އެކަކު ގޮވައިގެން ދަމުން އެހެން މީހުންގެ ދަތުރު ނެގުމާއި އާންމުންނަށް އުނދަގޫވާ ޒާތުގެ ލަވަފަދަ ތަކެތި އަޑުގަދަކޮށް ޖެހުންފަދަ ޝަކުވާތައް ލިބެމުންދާ ކަމަށް ނާފިޒު ވިދާޅުވި އެވެ.
"އެކަކު ގޮވައިގެން ދަމުން އެހެން މީހުންގެ ދަތުރު ނެގުމާއި، ހަމަޖެހިފައިވާ އަގަށްވުރެ ބޮޑު އަގެއް ނެގުމާއި، އާންމުންނަށް އުނދަގޫވާ ޒާތުގެ ލަވަފަދަ ތަކެތި އަޑުގަދަކޮށް ޖެހުމާއި، ހަޑިހުތުރު ބަހުން ބައެއްފަހަރު ޓެކްސީގެ ސެޓުން ވާހަކަ ދެއްކުމާއި އަދިވެސް އެހެނިހެން ޝަކުވާތަށް ހިމެނޭ،" ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ޓެކްސީގެ އާ ގަވާއިދުގެ ދަށުން ކޮންމެ ޓެކްސީއެއްގައި ވެސް ޓެކްސީގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް، އެ ޓެކްސީގެ ސެންޓަރާއި އަދި ޓެކްސީ އާއި ބެހޭ އެހެނިހެން ކުރިހާ މައުލޫމާތެއް ޓެކްސީގައި އެނގެން ހުންނާނެ ކަމަށެވެ.
އެހެންކަމުން ޓެކްސީއަކާ ބެހޭ އެއްވެސް މައްސަލައެއް އެ އޮތޯރިޓީއަށް ހުށަހަޅަން ބޭނުންވާނަމަ ވަގުތުން ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސާ ނަމްބަރަށް އެސްއެމްއެސް ކޮއްލުމުން އެ ޓެކްސީއެއްގެ ސެންޓަރާއި ގުޅިގެން މައްސަލަ ބަލަން ފަށާނެ ކަމަށް ޗެއާމަން ވިދާޅުވި އެވެ.
މި ހިދުމަތް ތައާރަފް ކުރުމުން ޓެކްސީތަކާ ބެހޭގޮތުން ހުށަހަޅެމުން އަންނަ ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހު އަމަލު ކުރަން ފެށި ޓެކްސީ ގަވާއިދުގެ ދަށުން ކޮންމެ ޓެކްސީއެއްގެ ބޭރުގައި ޓެކްސީ ސެންޓަރުގެ ނަމާއި ގުޅޭނެ ނަންބަރު ފެންނަން ހުންނަ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ޓެކްސީ ދަތުރެއްގައި ނަމަ ރަތްކުލައިން އަދި ދަތުރެއްގައި ނޫންނަމަ ޓެކްސީގެ މަތީގައި ހަރުކޮށްފައިވާ ބޯޑު ދިއްލިފައި ހުންނަން ޖެހޭނެ ކަމަށް ވެސް ޓެކްސީ ގަވާއިދުގައި ވަނީ ބުނެފަ އެވެ.