މީހުން ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އައްޔަން ކުރެއްވީ ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަމަށެވެ.

ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަކީ 14 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެކެވެ. އެ ކޮމެޓީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލަކާއި ބަންޑާރަ ނައިބު އޮފީހުގެ ވަކީލަކާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ކަމާބެހޭ އިދާރާތަކުން ކަނޑައަޅާ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ޖީހާން މަހުމޫދާއި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު މަރްޔަމް ޒޫނާ އާއި ބަންޑާރަ ނައިބު އޮފީހުގެ ޖެނެރަލް އޮފީހުގެ ގާނޫނީ ވަކީލު ސްޓޭޓް އެޓާނީ އައިޝާ ނައީމާއި ޕީޖީ އޮފީހުގެ ގާނޫނީ ވަކީލް އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަ ގްރޭޑް ތިނެއް، މަޙްމޫދު ސަލީމާއި ކޮންޓްރޯލަ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުޙަންމަދު ޝިފާން އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެސިސްޓެންޓް ޑިރެކްޓަރު އަލްފާޟިލާ ހަދީޖާ ނަޖީހާ އިތުރުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހަސަން ޙަބީބެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ކަނޑައަޅާފައި ވަނީ ޗީފް ސުޕްރިންޓެންޑެންޓް މުހަންމަދު މަސީހެވެ. ލޭބަ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅާފައި ވަނީ އެ އޮތޯރިޓީގެ މުވައްޒަފެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިޝަތު ނަފްއާ އަޙްމަދެވެ. އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާފައި ވަނީ އެ މިނިސްޓްރީގެ އިންސްޕެކްޓަ ޖެނެރަލް އޮފް ކަރެކްޝަނަލް ސާވިސް ހުސައިން ރަޝީދު ޔޫސުފެވެ.

އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައި ވަނީ މިނިސްޓަރުގެ ނައިބު އަލީ ވަހީދު އެވެ. އަދި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެޑްވަކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން އިން ކަނޑައަޅާ އެ ޖަމްޢިއްޔާގެ މެންބަރެއްގެ ގޮތުގައި މުރުތަޟާ މޫސާ ވަނީ އެ ކޮމެޓީއަށް އައްޔަންކޮށްފަ އެވެ.

އެ ބޭފުޅުން އެ ކޮމެޓީއަށް އައްޔަން ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.