އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ހުރިހާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުތަކުގައި ސޮއިކޮށް ނިންމައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކެރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު މިއަދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަކުރާ 543 ކެންޑިޑޭޓުންގެ ތެރެއިން 113 ކެންޑިޑޭޓުން ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުތަކުގައި ސޮއިކޮށް ނިންމާފައިވާ ކަމަށެވެ.

"ސޮއި ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ރޭގެ ނިޔަލަށް ހަމަވިއިރު ޕީޕީއެމް ފިޔަވައި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ކެންޑިޑޭޓުން ވަނީ ލިސްޓުތަކުގައި ސޮއިކޮށް ނިންމާފައި. އަމިއްލަ ގޮތުން ވާދަކުރާ 543 ކެންޑިޑޭޓުންގެ ތެރެއިން 113 ކެންޑިޑޭޓުން ވަނީ ހުރިހާ ލިސްޓުތަކެއްގައި ސޮއިކޮށްނިންމާފައި،" އާސިމް ވިދާޅުވި އެވެ.

"ސަން" އަށް އިއްޔެ މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ކަންޑައަޅާފައިވާ ވަގުތުގައި ކެންޑިޑޭޓުންނަށް ސޮއިކޮށް ނިންމާ ނުލެވުނުކަމުގައި ވީނަމަވެސް ސޮއި ކުރުމަށް ޓަކައި އިތުރުވަގުތު ދެވެން ނެތް ކަމަށެވެ.

ފުއާދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓުތަކުގައި ސޮއިކުރަން ޖެހޭ މައްސަލަ ހައްލު ކުރުމުގެ ގޮތުން ބަންޑާރަނައިބުގެ ލަފައަކަށް އެދިފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ބަންޑާރަނައިބުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލަށް 2147 ބޭފުޅަކު ވާދަކުރާ އިރު އަތޮޅު ކައުންސިލަށް 275 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި ސިޓީ ކައުންސިލަށް 41 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ވަނީ ބުނެފަ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލަރުންގެ ގޮތުގައި 132 ކައުންސިލަރުން އިންތިހާބުކުރާ އިރު ރަށު ކައުންސިލަރުންގެ ގޮތުގައި 951 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އަދި ސިޓީ ކައުންސިލަރުންގެ ގޮތުގައި 17 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.