12 Jan 2014, 10:08
އަމިއްލަ ފަރާތަކުން ރާއްޖެ އެތެރެކުރި ގަސްތަކެއް، ބައްޔެއް ހުރުމުގެ ސަބަބުން ކަސްޓަމްސް އިން ނައްތާލައިފި އެވެ.
ކަސްޓަމްސް އިން ބުނީ ނައްތާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ 16 ވަނަ ދުވަހު އަމިއްލަ ފަރާތަކުން ރާއްޖެ އެތެރެކުރި ހަތް ވައްތަރެއްގެ ގަސްކަމަށެވެ. އެއީ އޯކިޑް، އެންތޫރިއަމް، އުއްދަނޑި، ލުނބޯ، އޮރެންޖު، ކޮރިއަންޑާ، ވެނީލާ، ފިންގާޕާމްގެ އިތުރުން ލޮޓަސްއަގޭވް ނަމަކަށް ކިޔާ ގަސްތަކެއް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އިއްޔެ އެ ގަސްތައް ނައްތާލާފައި ވަނީ އެތަކެތި ނައްތާލުމަށް އެގްރިކަލްޗާ މިނިސްޓްރީން ނިންމާފައި ވާތީ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އެ ގަސްތައް ނައްތާލާފައި ވަނީ ތިލަފުށީ ކޯޕަރޭޝަންގެ ބެލުމުގެދަށުން ކ. ތިލަފުށީ ކުނިކޮށި ސަރަހައްދުގައި ކަމަށާއި ނައްތާލިވަގުތު ގަސްތަކުގެ ވެރިފަރާތާއި ކަސްޓަމާއި އެގްރިކަލްޗާ މިނިސްޓްރީގެ އޮފިޝަލުން ހާޒިރުވެ ތިބި ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބަހައްޓާ ތަކެއްޗަކީ ސިއްހީގޮތުން އެކަށީގެންނުވާ ތަކެތި ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅައިފިނަމަ އެތަކެތި ނައްތާލެވޭނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގެ 421 މާއްދާގައި ވަނީ ބުނެފަ އެވެ.