ދިމިޝްގު (ޖަނަވަރީ 12): ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާ ގުޅިގެން ސޫރިޔާ ސަރުކާރުން ޙިސާރު ކޮށްފައިވާ ފަލަސްތީނުގެ އަލްޔަރްމޫކް ރެފިއުޖީ އަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީންގެ އެތައް ހާސް ބައެއް ހައިހޫނުކަން ތަހަޢްމަލް ކުރަމުން ގެންދާ ކަމަށާއި އޭގެ ތެރެއިން 30 ވަރަކަށް މީހުން ހައިހޫނުކަމުގައި މަރުވެއްޖެ ކަމަށް ޚަބަރު ލިބިއްޖެ އެވެ. ޚަބަރުލިބޭ ގޮތުގައި ހައިހޫނުކަމުގައި މަރުވި 30 މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ ޖަމާއަތް ކަމަށްވާ "އޮނަރުވާ" ބުނާގޮތުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ފިލައިތިބޭ ތަނެއްކަމަށް ތުހުމަތުކޮށް ސޫރިޔާ ސަރުކާރުން އަލްޔަރްމޫކް ރެފިއުޖީ އަވަށް ދިގުމުއްދަތަކަށް ހިސާރުކުރުމުގެ ސަބަބުން އެތަނުން ކާބޯތަކެތި ހުސްވެ ފަލަސްތީނުގެ ރެފިއުޖީންގެ ގިނަބަޔަކު ހައިހޫނުކަން ތަހައްމަލްކުރަމުން ގެންދާކަމަށާއި އިންސާނީ ބޮޑު ކާރިސާއެއް އެއަވަށުގެ ރެފިއުޖީންނަށް ކުރިމަތިވެފައިވާ ކަމުގަ އެވެ.

އަލްޔަރްމޫކް ރެފިއުޖީ އަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީންނަށް ބޭނުންވާ އިންސާނީ އެހީފޯރުކޮށްދިނުމަށާއި ސޫރިޔާ ސަރުކާރުން އަޅާފައިވާ ހިސާރު ނައްތާލުމަށް ގޮވާލައި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އިއްޔެ ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ކޭންޕޭނެއް ފަށާފަ އެވެ. ޢަރަބި ގައުމުތަކާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި މިކޭންޕޭން ކުރިޔަށް ގެންދަނީ އަލްޔަރްމޫކް ރެފިއުޖީ އަވަށުގައި ދިރިއުޅޭ ފަލަސްތީން ރެފިއުޖީން ތަހައްމަލްކުރާ ހައިހޫނުކަމުގެ މައްސަލަ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ސަމާލުކަމަށް ގެނައުމުގެ މަގްސަދުގަ އެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ދެކުނުގައިވާ އަލްޔަރްމޫކް ރެފިއުޖީ ކޭންޕް، ސޫރިޔާ ސިފައިންގެ ހިސާރުގެ ދަށުގައިވުމުން އެތަނަށް ތަކެތި ވެއްދުމާއި އެތަނަށް ވަދެނިކުމެވުން ސޫރިޔާ ސަރުކާރުން މަނާކޮށްފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވެ އެވެ. ދިމިޝްގުގައި މިދިޔަ އަހަރު ކާރުބޮންތައް ގޮއްވާލުމުގެ ފަހަތުގައިވާ ހަނގުރާމަވެރިން އެމީހުންގެ އޮޕަރޭޝަންތައް ހިންގަމުން ގެންދަނީ އަލްޔަރްމޫކް ކޭންޕްގައި ކަމަށް ސޫރިޔާ ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެކޭންޕްގައި ހާލިހަދައިގެންތިބި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އައްނުސްރާ ޖަމާއަތާއި "ދިއިސްލާމިކް ސްޓޭޓް ފޯ އިރާޤް އެންޑް ޝާމް" ޖަމާއަތުގެ ހަނގުރާމަވެރިން އެކޭންޕް ދޫކޮށް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ގޮސްފަ އެވެ. ސޫރިޔާ ސިފައިންނާއި އިދިކޮޅު ހަގުރާމަވެރިންގެ ހަމަލާތަކުގައި އެކޭންޕްގެ ބޮޑުބައެއް ވަނީ ހަލާކުވެފަ އެވެ.

ފަލަސްތީނުގެ ރެފިއުޖީންނާބެހޭ އދ.ގެ ޖަމާއަތް ކަމަށްވާ "އޮނަރުވާ" ބުނާގޮތުން ސޫރިޔާ ސަރުކާރުން އަޅާފައިވާ ޙިސާރު ނިމުމަކަށް ގެނަސް އެއަވަށަށް އަވަސްގޮތަކަށް ކާބޯތަކެތި ނުވެއްދިއްޖެ ނަމަ ކުރިޔަށްއޮތް ދެތިން ދުވަހު ތެރޭގައި އަލްޔަރްމޫކް ރެފިއުޖީ އަވަށުން އެތައް ސަތޭކަ ބަޔަކު ބަނޑަށް މަރުވުމުގެ ފުރްސަތު ވަރަށްބޮޑެވެ. ފަލަސްތީނުގެ ސަރުކާރުން ނާއި ޢަރަބި ބައެއް ގައުމުތަކުންވަނީ އަލްޔަރްމޫކް ރެފިއުޖީ އަވަށުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އަމާން ކޮރިޑޯތަކެއް ގާއިމް ކުރުމަށް ގޮވާލާފަ އެވެ. (އަލްޖަޒީރާ)