12 Jan 2014, 00:44
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލާނެ ކަމުގެ އިންޒާރު ދިން މީހެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ 9:45 ހާއިރު ގދ. ފަރެސްމާތޮޑާގައި އޮތް އެއަތޮޅު ތިނަދޫ ޕޮލިސްޓޭޝަންގެ ލޯންޗުގެ ކެޕްޓަނަށް ބިރުދައްކައި އެ ލޯންޗުގައި ރޯކޮށްލާނެ ކަމުގެ އިންޒާރު ދިންކަމަށް ތުހުމަތު ކުރެވޭ އުމުރުން 34 އަހަރުގެ މީހެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހާގެ ވަނަވަރެއް ފުލުހުން ނުބުނެ އެވެ.
ތިނަދޫން ވާހަކަދެއްކި މީހަކު ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކީ އެރަށު ކައުންސިލް މެމްބަރު އަލީ ޝާމް ކަމަށެވެ.
އޭނާ ބުނީ އަލީ ޝާމް ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން އެ މައްސަލައިގެ ތަހުގީގު ނިމެންދެން ލޯންޗުގެ ކެޕްޓަނާއި ފަޅުވެރީންނާއި އެއްވެސް ގޮތަކަށް ވާހަކަނުދެއްކުމަށް ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި އަލީ ޝާމްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.