ދިވެހިރާއްޖޭގެ ބޭންކިންގ އާބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތަޞްދީގު ކުރައްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ފާސްކުރި "ދިވެހިރާއްޖޭގެ ބޭންކިންގ އާބެހޭ ބިލް"، ރައީސް ތަޞްދީޤު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނު، މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރައްވައިފި އެވެ.


އެ ޤާނޫނު ތަންފީޒުކޮށް ހިންގާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަމަށް ރައީސް އޮފީހުން ބުންޏެވެ.


އެ ޤާނޫނަކީ ރާއްޖޭގައި ބޭންކިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއި، ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ކަންތައްތައް އިންތިޒާމު ކުރުމާއި، ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ބޭންކުތައް ހިންގުމަށްޓަކައި އަމަލު ކުރަންޖެހޭ އުޞޫލުތައް ކަނޑައެޅުމަށާއި، ބޭންކުތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ކޮންޒަވޭޓަރުންނާއި، ރިސީވަރުން ޢައްޔަން ކުރުމާއި، ބޭންކުތައް އިފްލާސް ކުރުމާއި، ބޭންކުތަކާ ގުޅޭ މިނޫންވެސް ކަންކަން ކަނޑައެޅުމަށް ހަދާފައިވާ ޤާނޫނެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


އެ ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ، ބޭންކިންގ ނިޒާމުގެ ހަރުދަނާކަން ހިފަހައްޓައި، ބޭންކިންގ ނިޒާމާ ދޭތެރޭ ޢާންމުންގެ އިތުބާރު ދެމެހެއްޓުމާއި ބޭންކުގެ ޑިޕޮސިޓަރުންނާއި ކްރެޑިޓަރުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ބޭންކިންގ ނިޒާމަށް އެކަމަކުން ނުރަނގަޅު އަސަރެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވެ، އެކަންތައްތަކާމެދު އެކަށޭނަ ފިޔަވަޅު އެޅުމުގެ އިތުރަށް މަނީ ލޯންޑްރިންގއާއި، ޓެރަރިޒަމް ފައިނޭންސް ކުރުމުގެ ކުށްތަކާއި، ޚިޔާނާތާއި އަދި މިނޫންވެސް މާލީ ކުށްތައް ހުއްޓުވުމާއި އަދި ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ވާދަވެރިކަން ފުޅާކުރުމާއި، ބޭންކިންގ ނިޒާމަކީ ޢާންމުންގެ ބޭނުންތަކާ އެއްގޮތަށް ބޭންކިންގ ޚިދްމަތްތައް ފޯރުކޮށްދޭ އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ނިޒާމެއް ކަމުގައި ހެދުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.