12 Jan 2014, 00:15
ގއ. ގެމަނަފުށީ ޖުމްހޫރީ ޕާޓީ ގޮތްޕާއި އެމްޑީޕީ ގޮފި ގުޅިގެން ކައުންސިލް އިންތިޚާބުގެ ކެންޕޭން ފަށައިފި އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އިލްހާމް އަހްމަދު ވިދާޅުވީ ގެމަނަފުށީ ކައުންސިލަށް އެމްޑީޕީން ތިން ކެންޑިޑޭޓުން އަދި ޖުމްހޫރީ ޕާޓީން ދެ ކެންޑިޑޭޓުން ނެރޭގޮތަށް ނިންމާފައި ވަނީ އެ ޕާޓީގެ ގެމަނަފުށީ ގޮފިން ކަމަށާއި އެއީ ޕާޓީގެ ނިންމުމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އެގޮތަށް ނިންމަންޖެހުނީ ޕީޕީއެމްގެ ގެމަނަފުށީ ގޮފިން ޕާޓީން ނިންމާފައިވާ ނިންމުމާ ޚިލާފުވުމުން ކަމަށެވެ.
"ޕީޕީއެމުން ނިންމާފައި ވަނީ ގެމަނަފުށީ ރަށު ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި ތިން މީހުން ވާދަކުރާ ގޮތަށް. އަދި އަނެއް ދެ ގޮނޑި އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓިގައި ދެ ކެންޑިޑޭޓުން ނެރޭގޮތަށް. ނަމަވެސް ޕީޕީއެމްގެ ގެމަނަފުށީ ގޮފިން ވަނީ އެއްބަސްވުމާ ޚިލާފުވެ އަމިއްލަ ގޮތުން ދެ ކެންޑިޑޭޓުން ނެރެ ކެންޕޭން ފަށާފައި،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ގެމަނަފުށީ ގޮފިން އެރަށުގައި ބޭއްވި ޖަލްސާއެއްގައި އެ ފަސް ކެންޑިޑޭޓުންގެ ނަން އިއުލާންކޮށްފައިވާ ކަމަށާއި ޕީޕީއެމްގެ އިސް ބޭފުޅުންނާއި ވާހަކަދައްކައިގެން ވެސް އެކަމަށް ހައްލެއް ނުލިބުނު ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ ފަރާތުން ގެމަނަފުށީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓެއް ކަމަށްވާ މުހައްމަދު ޖާވީދު ވިދާޅުވީ ރަށު ކައުންސިލް އިންތިޚާބުގައި ޕީޕީއެމް ދެ މެމްބަރަކު އަމިއްލަގޮތުން ވާދަކޮށްފައި ވަނީ އެ ޕާޓީގެ ގެމަނަފުށީ ގޮފިން އަންގައިގެންނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އަމިއްލަ ގޮތުން ރަށު ކައުންސިލަށް ވާދަކުރާ ޕީޕީއެމްގެ ދެ މެމްބަރުންނަށް ތާއީދު ކުރަން އެ ޕާޓީގެ ގެމަނަފުށީ ގޮފިން ނިންމީ، ޕީޕީއެމް ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ގެމަނަފުށީ ގޮފިން ބޭނުންވި މީހުން ނޮހޮވުމުން އެކަމުގެ ރުޅީގައި އެމްޑީޕީއާ ކޯލިޝަން ހެދުމުން ކަމަށެވެ. އަދި ވިދާޅުވީ އެކަމާ ގުޅިގެން ޕީޕީއެމްގެ އިސް ފަރާތްތަކާ ވާހަކަދައްކައިގެން ވެސް އެކަމުގައި ހައްލެއް ލިބިފައިނުވާ ކަމަށެވެ.
"ޕީޕީއެމްގެ އިސް ފަރާތްތަކާ ވާހަކަދައްކައިގެން ވެސް އެކަމުގައި ހައްލެއް ނުލިބުނު. ދެން އަޅުގަނޑުމެން ނިންމީ އަމިއްލަ ގޮތުން ވާދަކޮށްފައިވާ ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން،" ޖާވީދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މޫސާ އަންވަރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ފާސްކޮށްފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމް ކޯލިޝަނުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ގެމަނަފުށީ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓުންނަށާއި އަދި ގެމަނަފުށީ ދާއިރާގެ އަތޮޅު ކައުންސިލަށް ވާދަކޮށްފައިވާ އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އިލްހާމް ގޮވާލައްވާފައިވާ ކަމަށާއި އެއީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފު ކަމެއް ކަމަށެވެ.
މިކަމާ ބެހޭގޮތުން ޕީޕީއެމްގެ އިސް ބޭފުޅެއްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.