11 Jan 2014, 21:16
އެ ހާދިސާ ހިނގީ މީގެ 31 އަހަރު ކުރީން، 1982 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 16 އާއި 17 އާއި 18 މި ތިން ދުވަހުއެވެ. އެ ތިން ދުވަހަކީ، ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ރަށްފުށު ހިސާބެއްގައި އޮތް ދެ ރެފިއުޖީ ކޭންޕެއްގައި ތިބި ފަލަސްޠީނުގެ 20000 ވަރަކަށް މީހުންނަށް "ނަރަކައިގެ ރަހަ އާއި ކުލަ އާއި ވަސް" ތަޖުރިބާ ކުރާން ޖެހުނު ތިން ދުވަހެވެ. އެ ދެ ކޭންޕަކީ މަޝްހޫރު ސަބްރާ އާއި ޝަތީލާއެވެ.
ސަބްރާ އާއި ޝަތީލާގެ މަޝްހޫރު ގަތުލުއާއްމު ހިންގީ އެއިރު އިސްރާއީލުގެ ދިފާއީ ވަޒީރު އެރިއެލް ޝެރޯންގެ ލީޑަރޝިޕްގައި، އިސްރާއީލުގެ ސިފައިންގެ އެހީތެރިކަމާއި މަދަދާއި ބައިވެރިވުމާ އެކު، ލުބުނާނުގެ ކްރިސްޓިއަން ފެލޭންޖިސްޓް ހަނގުރާމަވެރީންނެވެ. ވީމާ އެ ގަތުލުއާއްމަކީ ޒަޔަނިސްޓުންނާއި ކްރިސްޓިއަނުން ގުޅިގެން މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާއްމެއް ކަމަށް ސިފަ ކުރާން ޖެހެއެވެ. ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހުގެ އިރު ގޮސްފުހުނު ވަގުތު، އިސްރާއީލުގެ ސިފައިންގެ ބައެއް މީހުންނާ އެކު، ފެލޭންޖިސްޓް ކްރިސްޓިއަން ހަނގުރާމަވެރީން ސަބްރާ އާއި ޝަތީލާއަށް ވަނެވެ. އެތަނުގައި ހުރި ވަގުތީ ހިޔާތަކާއި ޓެންޓުތަކަށް، ފަހަރަކު ތަނަކަށް މަގުން، އެމީހުން ވަންނަމުން ދިޔައެވެ. އެމީހުން ވަދެފައި ނުކުމެއްޖެ ކޮންމެ ތަނެއްގައި އޮތީ ލޭކޯރުތައް ދަމައިލައިފައެވެ. ބަޑީންނާއި ވަޅީންނާއި ކަތިވަޅި އާއި އެހެންވެސް އެފަދަ ހަތިޔާރުތަކުން، ކުޑަކުދީންނާއި މުސްކުޅީންނާއި ޒުވާނުންގެ އެތައް ބަޔަކު މަރައި، ކޮށައި، ގުނަވަންތައް ބިންދައި މުގުރައިފައި ވެއެވެ. އެތައް ހާސް އަންހެންކުދީންނާއި އަންހެނުން ރޭޕް ކޮށް، ބަރުބާދު ކޮށްލައިފައި ވެއެވެ. މި ވަހުޝީ އަނިޔާގެ ސިލްސިލާ،ލެޔާއި ވޭނާއި ކަރުނައިގެ ތިން ރޭ ތިން ދުވާ ވަންދެން ދެމިގެން ދިޔައެވެ. ރަސްމީ އަދަދުތައް ބުނަނީ 8000 އެއް ހައި މީހުން ކަތިލެވުނު ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީންނެވެ. ކިރު ބޯ އުމުރުގެ ތުއްތު ކުދީން ވެސް ކަތިލެވިފައި ވެއެވެ.
މުއުތަބަރު މަސްދަރުތަކުގައި ރެކޯޑު ކުރެވިފައި ވާ ފަދައިން، އިސްރާއީލުގެ ސިފައިންގެ ބައިވެރިވުމާ އެކު، ފެލޭންޖިސްޓް ކްރިސްޓިއަން ހަނގުރާމަވެރީން މި ގަތުލުއާއްމު ހިންގި އިރު، އެރިއެލް ޝެރޯން އެތަނާ ދާދި ގާތުގައި ހުރި އިމާރާތެއްގެ މަތީ ބުރިއެއްގެ ކުޑަދޮރަކުން، ދުރުމީގެ އެހީގައި ސަބްރާ އާއި ޝަތީލާގެ ތެރޭގެ "ކުޅިވަރު" ބައްލަވާން ހުންނެވިއެވެ. އެއިރު އިސްރާއީލުގެ ސިފައިންގެ ބަރުހަތިޔާރު އެޅި ފައުޖުތައް އެ ކޭންޕުތަކުގެ ސަރަހައްދު ވަށައިގެން ރުކުރުވައިލެވިފައި އޮތެވެ. އެއިން ކޭންޕަކަށް މީހަކު ވަނަނުދީ، އެއިން ތަނަކުން މީހަކު ބޭރަށް ނުކުތަނުދީ، ތިން ދުވަސް ވާންދެން، ގަތުލުއާއްމުގެ "ފޯރިމަރައިދިނީ" އިސްރާއީލުގެ ފައުޖުތަކުންނެވެ. އެހެން ތިބެ، ރޭގަނޑުގެ ވަގުތު ކޭންޕުތަކުގެ ތެރެއަށް އަލި ކޮށްދިނުމާއި، ބޭރުން ބަޑިޖެހުން ފަދަ "ކުދިކުދި އެހީތައް" ވެސް އިސްރާއީލުގެ ސިފައިން ފޯރު ކޮށްދިނެވެ.
ސަބްރާ އާއި ޝަތީލާގެ މަޝްހޫރު ގަތުލުއާއްމުގެ އިތުރުން، 1982 ވަނަ އަހަރު އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބައިރޫތާއި އެހެން އެތައް ޝަހަރަކާއި އަވަށްތަކެއްގައި ވެސް މުސްލިމު ޢަރަބީންގެ ލެއިން ފެންކުޅި ކުޅެފައި ވެއެވެ. ލުބުނާނުގައި ތިބި "ޕީއެލްއޯގެ ޓެރަރިސްޓުން" ހޯދުމުގެ މަގުސަދުގައި ކަމަށް ބުނެ އިސްރާއީލުން ހިންގި އެ ހަނގުރާމައިގައި މުޅި ލުބުނާނު އެކަށް ކަހަލަ ގޮތަކަށް އަންދައި އަޅިއަށް ހަދައިލިއެވެ. މިކަމުގައި ކްރިސްޓިއަން ފެލޭންޖިސްޓް ހަނގުރާމަވެރީންގެ އެހީތެރިކަން އެމީހުންނަށް ލިބުނެވެ. "ބައިރޫތުގެ ގާތިލު" ގެ ނަން އެރިއެލް ޝެރޯނަށް ލިބިވަޑައިގަތީ މި ހަނގުރާމައާ ވިދިގެންނެވެ.
ސަބްރާ އާއި ޝަތީލާގެ ގަތުލުއާއްމުގެ ވާހަކަ އާއްމު ވެގެން ދިޔުމާ ގުޅިގެން، އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިހުން، ފާޑެއްގެ "ޝަރީއަތެއް" ވެސް ޝެރޯނާ ދެކޮޅަށް ހިންގިއެވެ. އޭނާ އެކަމުގައި ޒިންމާ ވާން ޖެހޭ ކަމަށް ވެސް ނިންމިއެވެ. ނަމަވެސް ދެވުނު "އަދަބަކީ" ދިފާއީ ވަޒީރުކަން ދޫކޮށްލައި، ދުވަސްކޮޅަކަށް ފަރުދާގެ ފުރަގަހަށް ވަދެލާން ޖެހުމެވެ. އިތުރު އެއްވެސް އަދަބެއް ޝެރޯނަށް ވެސް، ގަތުލުއާއްމުގައި އެކި ގޮތްގޮތަށް ބައިވެރި ވި ސިފައިންނަށް ވެސް ލިބިފައެއް ނުވެއެވެ.
އޭގެ ޒަމާންތަކެއް ފަހުން، އެރިއެލް ޝެރޯން ފެނުނީ އިސްރާއީލުގެ ބޮޑުވަޒީރުކަމުގެ ގޮނޑީންނެވެ. "ބެއިރޫތުގެ ގާތިލް" ޒަޔަނިސްޓް ދައުލަތުގެ އެންމެ މާތް އިއްޒަތްތެރިޔާގެ މަގާމަށް ވަޑައިގަތީއެވެ. އޭނާގެ ފަސްބައިގައި ހުރި މުސްލިމުންގެ ލޭ، ޒަޔަނިސްޓުންގެ ލޯތަކަށް ފެނުނީ ރަން މެޑެއްޔަކަށެވެ. ދުނިޔޭގެ މަސްރަހުގައި އޭނާ ވެގެން ދިޔައީ ބަސްވިކޭ ވަރުގަދަ ސިޔާސީ ލީޑަރަކަށެވެ.
އުމުރުން 85 އަހަރުގައި، މިއަދު އެރިއެލް ޝެރޯން އަވަހާރަ ވީ 8 އަހަރުގެ ދިގު މުއްދަތަށް ކޯމާއެއްގައި އޮންނެވުމަށް ފަހުގައެވެ. މިއަދު އިސްރާއީލުގެ އަސްކަރިއްޔާގެ ރޭޑިއޯއިން ހާމަ ކުރި ގޮތުގައި، ޝެރޯން އަވަހާރަ ވީ އޭނާގެ ހިތުގެ މަސައްކަތް ހުއްޓުމާ ގުޅިގެންނެވެ. މިދިޔަ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި، ޝެރޯންގެ ހާލު ދަށަށް ގޮސް، އޭނާގެ ހަށިގަނޑުގެ މުހިއްމު ގުނަވަންތަކެއްގެ މަސައްކަތް ހުއްޓުމާ ގުޅިގެން، އޭނާގެ ހާލަތު އިތުރަށް ގޯސް ވެއްޖެ ކަމަށް ޑޮކްޓަރުން އޮތީ ބުނެވެސްފައެވެ.
1928 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހު އުފަން ވެވަޑައިގަތް ޝެރޯނަކީ، ބެލާރުހުން، ފަލަސްޠީނަށް ހިޖުރަ ކޮށްގެން ދިރިއުޅެމުން ގެންދިޔަ ޔަހޫދީ އާއިލާއަކަށް އުފަން ބޭފުޅެކެވެ. އޭނާ 1942 ވަނަ އަހަރުން ފެށިގެން، އޭނާ ޒަޔަނިސްޓް ހަނގުރާމަވެރިއެއްގެ ގޮތުގައި އުޅުއްވިއެވެ. އެއް އިރެއްގައި ފަލަސްޠީނުގެ ރައްޔިތުން "ތަޅައި ރޯނާ ގެންނެވި" އަދި މި ޒަމާނުގެ ޓެރަރިސްޓް އުކުޅުތަކުގެ އެންމެ ވަރުގަދަ އެއް މޭސްތިރި ކަމަށް ވާ، ޒަޔަނިސްޓް ޓެރަރިސްޓް ގޭންގް "ހަގާނާ" ގެ މެންބަރެއްގެ ގޮތުގައި އުޅުއްވިއެވެ. 1948 ވަނަ އަހަރު އިސްރާއީލު އުފެދުމުން، "ހަގާނާ" އާއި ޒަޔަނިސްޓް އިތުރު ހަނގުރާމަވެރީން އެއް ވަލަކަށް މަހައިލައި، "އީޒްރެއިލީ ޑިފެންސް ފޯރސަސް" އުފެއްދުނެވެ.
އިސްރާއީލު އުފެދުމަށް ފަހު، އިސްރާއީލާއި ޢަރަބީންނާ ދެމެދުގައި ކުރެވުނު ކޮންމެ ހަނގުރާމައެއްގައި، ޝެރޯން އިސް ދައުރެއް އަދާ ކުރެއްވިއެވެ. ޚާއްސަކޮށް، 1973 ވަނަ އަހަރު ކުރެވުނު، މަޝްހޫރު އޮކްޓޯބަރު ހަނގުރާމައިގައި އޭނާގެ ޚިދުމަތް އިސްރާއީލަށް ވަރަށް ބޮޑަށް ލިބުނެވެ. ލަޝްކަރުގެ ބޮޑު އެއް ފައުޖުގެ ކޮމާންޑަރެއްގެ ގޮތުން، ސައިނާއީ ސަހަރާގައި މިޞްރުގެ ލަޝްކަރުތަކުގެ މައިބަދަ ބިންދައިލުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރެއްވި އެއް "ސްޓްރެޓެޖިސްޓަކީ" އޭނާއެވެ. އޭނާ ސިފަ ކުރެވިފައި ވަނީ ބިރެއް ނެތް ސިފައިންގެ މީހެއްގެ ގޮތުގައެވެ. އަދި ދުރު ވިސްނާ "ވިޜަނަރީއެއް" ގެ ގޮތުގައެވެ.
އަސްކަރީ ޚިދުމަތުން ރިޓަޔަރ ކުރެއްވުމަށް ފަހު، 1973 ވަނަ އަހަރުގެ ތެރޭގައި ޝެރޯން ސިޔާސީ ދާއިރާއާ ގުޅިވަޑައިގަތެވެ. ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް އެ ޕާޓީއަކަށް ނިސްބަތް ވެވަޑައިގަންނަވާ، ކަނާތު ފިޔައިގެ ހަރުކަށި "ލިކޫޑް" ޕާޓީ އެ އަހަރު އުފެއްދުނު އިރު، އެ ޕާޓީގެ އެންމެ މުހިއްމު އެއް ލީޑަރަކީ ވެސް ޝެރޯނެވެ.
އިސްރާއީލުގެ ކޮލަމިސްޓެއް ކަމަށް ވާ ޝެމީ ޝަލީވް ދާދިފަހުން ލިޔެފައި ވާ ގޮތުގައި، އިސްރާއީލުން ހަނގުރާމައިގައި ގަދަބާރުން އަތުލައިގެންފައި ހުރި ޢަރަބި ބިންތަކުގައި، ޔަހޫދީ އާބާދީތައް ހެދުމުގެ މަޝްރޫއުގެ "ބައްޕަ" އަކީ ޝެރޯނެވެ. "ޔަހޫދީ "އާބާދީތަކުގެ ބައްޕަ" ކަމަށް ވާ ޝެރޯނަކީ 1967 ވަނަ އަހަރާ ހަމަޔަށް އޮތް އިސްރާއީލުގެ ސަރަހައްދުތަކުގެ ބޭރުން، ހަނގުރާމަތަކުގައި ހިފުނު ބިންތަކުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތުގެ އެންމެ މުހިއްމު މޭސްތިރިއެވެ. އެކަމަށް ޓަކައި އޭނާ މަސައްކަތް ކުރެއްވި ވަރަށް މަސައްކަތް ކުރެއްވި އެހެން ވެރިއަކު ނެތެވެ. ޚުދު ނަތަންޔާހޫއަށް ވެސް އެކަމުގައި ޝެރޯނާ ވާދައެއް ނުކުރެއްވެއެވެ. ޔަހޫދީ ދައުލަތުގެ ޗާޓު ފުޅާ ކުރައްވައި، ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމުގެ ކަންތައް އަމަލީ ވުމުގެ ދޮރު ބަންދު ކުރެއްވުމުގައި ޝެރޯންގެ ދައުރު ވަރަށް ބޮޑެވެ." ޝަލީވް ލިޔުއްވައިފައި ވެއެވެ.
މި ރޮނގުން، ޝެރޯން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ފަލަސްޠީނުގެ ރައްޔިތުންގެ އެތައް އަވަށެއް، ވަރުގަދަ ބުލްޑޯޒަރުތަކުގެ އެހީގައި ބިމާ ހަމަ ކުރެވިފައި ވެއެވެ. އެރިއެލް "ބުލްޑޯޒަރ" ޝެރޯން މި ނަން އޭނާއަށް ދެވޭ ސަބަބަކީ މިއެވެ. އޭނާގެ ތަސައްވުރަކީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްވެސް އެއްބަސްވުމެއް ނުވެ، މަޑުމަޑުން އިސްރާއީލުގެ ޗާޓުގެ ރޮނގުތައް ފެއަށް ޖައްސަމުން، އިސްރާއީލު ބޮޑު ކުރަމުން ގެންދިޔުމެވެ. 1993 ވަނަ އަހަރު، އިސްރާއީލުގެ އެއިރުގެ ސަރުކާރުން ފަލަސްޠީނުގެ ޒައާމަތާ އެކު ކުރި "އޮސްލޯ އެއްބަސްވުން" އަށް އެންމެ ވަރުގަދަޔަށް ދެކޮޅު ހެއްދެވި އެއް ލީޑަރަކީ ވެސް ޝެރޯނެވެ.
އިދިކޮޅު ލިކޫޑް ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން 2000 ވަނަ އަހަރު، މަސްޖިދުލް އަޤްޞާއަށް ޝެރޯން ވަދެވަޑައިގަތް ހާދިސާ އަކީ މުޅި އިސްލާމީ ދުނިޔެ އޭނާއަށް ފާޑު ކިޔާން ޖެހުނު ހާދިސާއެކެވެ. ފަލަސްޠީނުގެ އިންތިފާޟާގެ އައު ބުރެއް ވެސް އެ ހާދިސާއާ ގުޅިގެން ފެށުނެވެ.
އެރިއެލް ޝެރޯން އިސްރާއީލުގެ ބޮޑުވަޒީރުކަން ކުރެއްވީ 2001 އިން 2006 އަށެވެ. 2006 އަކީ އޭނާއަށް ސްޓްރޯކް ޖެހިވަޑައިގެން، ކޯމާއަށް ވަޑައިގެންނެވި އަހަރެވެ. ބޮޑުވަޒީރުކަމުގައި ހުންނަވައިގެން ވެސް އޭނާ ސާބިތު ކޮށްދެއްވީ އޭނާއަކީ ޒަޔަނިސްޓް ލީޑަރުންގެ ތެރެއިން ފަލަސްޠީނުގެ ރައްޔިތުންނާ މެދު އެންމެ ހަރުކަށި އެއް ލީޑަރު ކަމެވެ. އޭނާގެ ޒައާމަތުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގުނު އެންމެ ވަރުގަދަ އަސްކަރީ ހަރަކާތަކީ، އޮސްލޯ އެއްބަސްވުމުގެ ދަށުން ފަލަސްޠީނަށް ހަވާލު ކުރެވިފައި ހުރި ބިންތަކަށް، "އޮޕަރޭޝަން ޑިފެންސިވް ޝީލްޑް" މި މައުރިކާގެ ދަށުން، އަރައިގަތްގަތުމެވެ. ހުޅަނގު އައްސޭރީގެ ސަރަހައްދުގައި 700 ކިލޯމީޓަރުގެ ބޮޑު ފާރެއް، އެކަތައިންނާއި ސިމެންތިން ބިނާ ކުރައްވައި، އެ ސަރަހައްދުގެ ފަލަސްޠީނީން ވަޔަށް ހުޅުވިފައި ވާ ޖަލަކަށް ލެއްވެވީ ވެސް ޝެރޯނެވެ.
ވެރިކަމުގައި ހުންނަވައިގެން ޝެރޯން ކުރެއްވި އެންމެ ހައިރާން ކުރުވަނިވި އެއް ކަމަކީ، ހަރުކަށި ޔަހޫދީންގެ ބަހާ ޚިލާފަށް، ޣައްޒާގައި ހަދައިފައި ހުރި ޒަޔަނިސްޓް އާބާދީތަކުގެ ތެރެއިން ވިއްސަކަށް އާބާދީ ރޫޅައިލައްވައި، 7000 ޔަހޫދީން އެތަންތަނުން ނެރުއްވައި އިސްރާއީލުގެ ސަރަހައްދުތަކަށް ބަދަލު ކުރެއްވުމެވެ. އެކަން ހިނގީ 2003 ވަނަ އަހަރުއެވެ. ވަރަށް ގިނަ ބަޔަކު ދުށީ، އެއީ ފަލަސްޠީނުގެ ރައްޔިތުންގެ ދައުލަތަކަށް ދޫ ދެއްވުމުގެ ގޮތުން އޭނާ އެޅުއްވި "ސުލްހައިގެ" ފިޔަވަޅެއް ކަމަށެވެ. ނަމަވެސް މިހާރު މުހައްލިލުން ވިދާޅުވާ ގޮތުގައި، އެ ފިޔަވަޅަކީ އިސްރާއީލުގެ ހަން ފެތުރުމުގެ ސިޔާސަތަށް ގެނެވުނު ސްޓްރެޓެޖިކް ބަދަލެއްގެ ނަތީޖާއެވެ. އެ ފިޔަވަޅުގެ ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ބިން ފަލަސްޠީނުގެ ރައްޔިތުންނަށް ދިނުމެއް ނޫނެވެ. ފަލަސްޠީނުގެ ދައުލަތަކަށް ޖާގަ ހައްދަވައިދެއްވުމެއް ވެސް ނޫނެވެ.
އެއިރު ޝެރޯންގެ ސަރުކާރުން އެ ފިޔަވަޅު އެޅި އެއް ސަބަބަކީ، ޣައްޒާ ހުސް ކުރެވޭން ނެތް ދަނޑިވަޅެއްގައި، ޣައްޒާގައި ޔަހޫދީ އާބާދީތަކެއް ބަހައްޓައިގެން އެ އާބާދީތައް ދެމެހެއްޓުމަށް ކުރާން ޖެހޭ ޚަރަދާއި އުފުލާން ޖެހޭ ބުރައަކީ، އެ ވަގުތަށް ބޭނުން ޚަރަދެއް، ބުރައެއް ނޫން ކަމަށް ފެނުމެވެ. އަނެއް ސަބަބަކީ، އެ އާބާދީތައް އެހެން ހުރުމާއި، އެތަންތަން ރައްކައުތެރި ކޮށް ދަމަހައްޓާން އިސްރާއީލުގެ ސިފައިން ރެޔާއި ދުވާލު ހިންގަމުން ދިޔަ ހަރުކަށި އަދި އަނިޔާވެރި އަމަލުތަކުގެ ސަބަބުން، ފަލަސްޠީނުގެ ގައުމިއްޔަތު ވަރުގަދަ ވެ، ފަލަސްޠީނީން އެއް ވަލަކަށް މެހި، އެކަތިގަނޑަކަށް ވަމުން ދިޔަ ދިޔުން ހުއްޓުމަކަށް ގެނައުމެވެ. އަނެއް ސަބަބަކީ، އިސްރާއީލުގެ ފޯކަސް އެ ދަނޑިވަޅަށް، ހުޅަނގު އައްސޭރިއަށް ބޮޑަށް އަމާޒު ކުރުމެވެ. އެހެންކަމުން، ޣައްޒާއިން ޔަހޫދީ އާބާދީތައް ހުސް ކުރެވުނު ދުވަސްކޮޅާއި އޭގެ ފަހުގެ މައްސަރުތަކުގައި، ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސް އިން ފަލަސްޠީނީ އަސަރުތައް ބަލިކޮށް، ފަލަސްޠީނީންގެ ބާރު ދަށް ކޮށް، އެތަންތަން "ޔަހޫދީ" ކުރުމުގެ މަޝްރޫއުތައް އެތައް ގުނައެއް ބާރުގަދަ ކޮށް ގިނަ ކުރެވުނެވެ. އެގޮތުން ކުރެވުނު އެއް ކަމަކީ، 2004 ވަނަ އަހަރު، ފަލަސްޠީނުގެ ލީޑަރު ޔާސިރު ޢަރަފާތު، އިސްރާއީލުގެ އަސްކަރީ ގައިދެއްގެ ދަށަށް ގެނެސް، "ޕޮލޯނިއަމް 210" ވިހަ ދީގެން އޭނާގެ ދުވަސް ދުއްވައިލުމެވެ. ޝެރޯންގެ ނަޒަރުގައި، ޔާސިރު ޢަރަފާތަކީ ފަލަސްޠީނުގެ ގައުމިއްޔަތުގެ ގަހަށް ދެވެމުން ދިޔަ އެންމެ "މީރު" ފެނެވެ. ޢަރަފާތުގެ ދުވަސް ދުއްވައިލައި، މަޙްމޫދު ޢައްބާސް ފަދަ "ބަލިކަށި" ބޭފުޅަކު ފަލަސްޠީނުގެ ޒައާމަތަށް ގެނައުމަކީ ޝެރޯންގެ ސިޔާސަތުގެ ދަށުން ކުރެވުނު އެންމެ މުހިއްމު އެއް ކަންތަކެވެ.
2005 ވަނަ އަހަރު، ލިކޫޑް ޕާޓީގެ މުހިއްމު ލީޑަރުންތަކަކާއި ޝެރޯނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. ޝެރޯން ނިންމެވީ ލިކޫޑް ދޫކުރައްވައި، "ޤަދީމާ" ޕާޓީގެ ނަމުގައި އައު ޕާޓީއެއް އުފައްދަވައިގެން، 2006 ވަނަ އަހަރު އޮންނަ އިންތިޚާބުގައި ވާދަ ކުރެއްވުމަށެވެ. އެ ނިންމުމާ އެއްގޮތަށް އައު ޕާޓީއެއް އުފެއްދެވި ނަމަވެސް، އެ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް ވާދަ ކުރައްވާނެ ފުރުސަތު އޭނާއަށް ލިބިވަޑައެއްނުގަތެވެ. އެއަށްވުރެ ކުރީން ތަގުދީރުގެ ނިޔާ، އޭނާގެ ލޮލާއި ދުލާއި އަތުގައި ހިމޭންކަމުގެ ވަރުގަދަ ތަޅެއް އެޅުވީއެވެ.
2005 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އާދައިގެ ސްޓްރޯކެއް ޖެހި، ބޭސް ކުރައްވަމުން ގެންދެވި ޝެރޯނަށް ވަރުގަދަ ސްޓްރޯކެއް ޖެހުނީ 2006 ގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އެ ތާރީޚުން ފެށިގެން މިއަދާ ހަމަޔަށް އޭނާ އޮންނެވީ ކޯމާގައެވެ. ޖެރޫސަލަމް ހަސްފަތާލުގައި މައްސަރުތަކެއް ވާންދެން އޮންނެވުމަށް ފަހު، ޝެރޯން ބަދަލު ކުރެވުނީ ތައްލު ހަޝޫމަރު ހަސްފަތާލަށެވެ. އަވަހާރަ ވީ އެ ހަސްފަތާލުގައި އޮންނަވައިގެންނެވެ. އަވަހާރަ ވި އިރު އޭނާގެ ތިން ބޭފުޅުން އެބަ ތިއްބެވިއެވެ. އެ ބޭފުޅުންނާއި، އިސްރާއީލުގެ އެތައް ލައްކަ ބަޔަކު އޭނާއަށް ޓަކައި ކަރުނަ އޮހޮރާނެއެވެ. ނަމަވެސް އޭނާގެ އަނިޔާވެރިކަމާއި ރަހުމުކުޑަކަމުގެ ލަޓިބުރީން އަނިޔާ ލިބުނު އެތައް މިލިއަން ބައެއްގެ މަތީން ހަނދާން ކުރުން މާ އައުލާކަން ބޮޑު ކަމުގައި މެނުވީ ނުވެއެވެ. ސަބްރާ އާއި ޝަތީލާ އާއި ފަލަސްޠީނުގެ އެކިއެކި ސަރަހައްދުތަކުގައި، އޭނާ އާއި އޭނާގެ ސިފައިންގެ ޝިކާރައަކަށް ވެގެން ދިޔަ އެތައް ލައްކަ ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީންގެ ވާހަކަ ތަކުރާރު ކުރުން މާ ހެޔޮކަން ބޮޑު ކަމުގައި މެނުވީ ނުވެއެވެ.