އަފްޣާނިސްތާނުގެ ވަރްދާކް ފަރުވިންސުގައި ތިބޭ އެމެރިކާ ސިފައިންގެ ޔުނިޓެއްގެ މީހުން، އަވަށެއްގެ މިސްކިތަށް ވަދެގަނެ، މިސްކިތުގެ ހުރުމަތް ކަނޑައިލައި، މިސްކިތުގައި ހުރި ކީރިތި ޤުރްއާނުގެ މުސްހަފުތަކަށް އިހާނެތިކޮށް ހިތައިފިއެވެ.

ޕާކިސްތާނުގެ ޕިޝާވަރުން ލިބޭ ޚަބަރުތައް ބުނާ ގޮތުގައި، މި ހާދިސާ ހިނގީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެމެރިކާ ސިފައިން މިސްކިތަށް ވަދެގެންފައި ވަނީ ހަޑި ބޫޓުތަކާ އެކުގައެވެ. މި ހާދިސާއާ ގުޅިގެން ވަރްދާކް ފަރުވިންސާއި، އަފްޣާނުގެ އެހެން ބައެއް ހިސާބުތަކުގައި ވެސް އެމެރިކާ ސިފައިންނާ ދެކޮޅަށް އާއްމުން ނުކުމެ ޝުއޫރު ފައުޅު ކުރަމުން ގެންދާ ކަމަށް ވެއެވެ.

އެމެރިކާ ސިފައިންގެ އަމަލުތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު ބޭއްވި އެއްވުންތައް ފަހުން ބަދަލު ވެގެން ދިޔައީ، އަފްޣާނުން އެމެރިކާ ސިފައިން ވަގުތުން ފެއިބުމަށް ގޮވާލައި ކުރެވުނު މުޒާހަރާތަކަކަށެވެ. މި މުޒާހަރާތަކުގައި ބައިވެރި ވި މީހުން އެމެރިކާގެ ދިދަތައް އަންދައި، އެމެރިކާއިން އަފްޣާނުގައި ހިންގައިފައި ވާ ބޮޑެތި ލާއިންސާނީ އަދި ހަނގުރާމައިގެ ޖަރީމާތަކާ މެދު ފިޔަވަޅު އަޅައި، އަދަބު ދޭން ވެސް ގޮވައިލައިފައި ވެއެވެ.

މުޒާހަރާ ކުރި މީހުން ވަނީ ވެރިރަށް ކާބްލް އިން ޤަންދަހާރަށް ދެވޭން އޮންނަ ބޮޑުމަގު ވެސް ބަންދު ކޮށްފައެވެ. އެ މަގު ދެމިގެން ގޮސްފައި އޮންނަނީ ވަރްދާކް ފަރުވިންސުގެ ތެރެއިންނެވެ. މި ބޮޑުމަގަކީ އެމެރިކާ ސިފައިން އެމީހުންގެ ފައުޖުތަކަށް ބޭނުންވާ ހަނގުރާމަވެރި ސާމާނާއި އާލަތްތަކާއި ކާބޯތަކެއްޗާއި ބޭސް ފަދަ ސަޕްލައި އުފުލުމަށް އާއްމުކޮށް ބޭނުން ކުރާ މަގެކެވެ.

މުސްލިމުންގެ ޝުއޫރުތަކަށް އިހުތިރާމް ކުރުމެއް ނެތި، އިސްލާމް ދީނަށާއި މުސްލިމުންނަށް އިހާނެތިކޮށް ހިތުމަކީ އަފްޣާނުގައި ތިބޭ އެމެރިކާ ސިފައިންގެ އާދައެކެވެ. ދަންވަރުގެ ވަގުތުގައި ގޭގެއަށް ކުއްލިޔަކަށް ވަދެގަނެ، ބަޑި ޖަހައި މީހުން މެރުމާއި، ކީރިތި ޤުރްއާނުގެ މުސްހަފުތަކަށް އިހާނެތިކޮށް ހިތުމަކީ އެމެރިކާ ސިފައިންގެ ފަރާތުން ތަކުރާރުކޮށް ފެނިފައި ވާ ކަމެކެވެ. މިފަދަ ކަންކަމާ ހުރެ، އަފްޣާނުގެ ރައްޔިތުންގެ ތެރޭގައި އެމެރިކާ ސިފައިންނާ މެދު ރުޅިވެރިކަން އާއްމު ވެފައި ވެއެވެ.

މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ވެސް، އެމެރިކާ ސިފައިން ކީރިތި ޤުރްއާނުގެ މުސްހަފުތަކަކާ މެދު ވަރަށް ހަޑިހުތުރު އަމަލުތަކެއް ހިންގައިގެން، އަފްޣާނުގައި މުޒާހަރާތައް ކޮށްފައި ވެއެވެ. އެފަހަރު އެމެރިކާ ސިފައިން ވަނީ 400 ވަރަކަށް މުސްހަފު ކުނިގޮނޑަކަށް އުކައިލައި، އެ ކުނިގޮނޑުގައި ރޯ ކޮށްލައިގެން މުސްހަފުތައް އަންދައިލައިފައެވެ. މި ހާދިސާއާ ގުޅިގެން އެތައް ދުވަހެއް ވާންދެން އަފްޣާނުގެ އެތައް ހާސް ރައްޔިތުން މުޒާހަރާ ކުރި އިރު، މުޒާހަރާތައް ކޮންޓްރޯލް ކުރާން އަފްޣާން ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި އެތައް ބަޔަކު މަރު ވެސް ވިއެވެ.

މި ދިޔަ އަހަރުގެ ހާދިސާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާގެ އިސް ވެރީން ވިދާޅުވީ، އެހެން މީހުންގެ ޝުއޫރުތަކަށް އިހުތިރާމް ކުރުމާ ބެހޭ ޚާއްސަ ތަމްރީނު ޕްރޮގްރާމުތަކެއް ސިފައިންނަށް އަމާޒު ކޮށްގެން ހިންގާނެ ކަމަށެވެ. ނަމަވެސް މި ފަހަރުގެ ހާދިސާއިން ފެނިގެން ދިޔައީ "އެ ޕްރޮގްރާމް ކާމިޔާބު ނުވި ކަން، ނުވަތަ އެ ޕްރޮގްރާމް ނުހިންގާ ކަން" ކަމަށް އަފްޣާނުގައި މުޒާހަރާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކީރިތި ޤުރްއާނާއި އިސްލާމް ދީނުގެ ނަބިއްޔާއަށް ފުރައްސާރަ ކޮށް، އަވަގުރާނަ އާއި ހުތުރު އެއްޗެހި ގޮވައި، ކީރިތި ޤުރްއާން ފާޚާނާ ތަށްޓަށް އެޅުމާއި ވީދުމާއި، ނަބިއްޔާގެ ކާޓޫނު ކުރެހުން ފަދަ ކަންކަން ކުރުމަށް ފަހު، އެއީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކަމަށް ބުނެ އެކަން ދިފާއު ކުރުމާއި، އެކަން ތަކުރާރު ކުރުމަކީ މިއަދު ހުޅަނގުގެ އެތައް ގައުމެއްގައި ތަކުރާރުކޮށް ހިނގަމުންދާ ކަމެކެވެ. މިފަދަ ކަންކަމާ ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގައި އުޅޭ މުސްލިމުން އެކި ސިފަސިފައިގައި ނުރުހުން ފާޅު ކުރި ނަމަވެސް، އާއްމު ފެންވަރެއްގައި ކްރިސްޓިއަން ބައިބަލް ނުވަތަ ކްރިސްޓިއަން ދީނުގެ ބާނީ ސެއިންޓް ޕޯލް ފަދަ އެއްވެސް ބޭފުޅަކާ ދެކޮޅަށް މި ބާވަތުގެ ޖަރީމާތަކެއް މުސްލިމުން ހިންގާ ކަން އެނގިފައެއް ނުވެއެވެ.

ފޮޓޯ (އަލްޖަޒީރާ): އަފްޣާނިސްތާނުގައި ހަރަކާތްތެރިވި އެމެރިކާ ސިފައިންގެ މީހެއް ކަމަށް ވާ ރޮބަރޓް ބޭލް: ބޭލް ވަނީ 2012 ވަނަ އަހަރު، ރޭގަނޑެއްގެ ދަންވަރު އަފްޣާނުގެ ގެތަކަކަށް ވަދެގަނެ ކުޑަކުދީންނާއި އަންހެނުން ހިމެނޭ ގޮތުން 16 މަދަނީން އަނިޔާވެރި ގޮތެއްގައި މަރައިލައިފައި.