11 Jan 2014, 18:46
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އޭރިއަލް ޝެރޯން އަށް އަހަރު ކޯމާގައި އޮތުމަށްފަހު މިއަދު މަރުވެއްޖެ އެވެ.
ޝެރޯނަށް ފަރުވާދިނުމަށް އެޑްމިޓް ކޮށްފައިއޮތް ތެލް އަވީވްގެ ހޮސްޕިޓަލުގެ އޮފިޝަލަކާއި ހަވާލާދީ ބީބީސީ އިން ބުނީ އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެން ކަމަށެވެ.
ޝެރޯން މަރުވުމުގެ ކުރިން އޭނާ އެޑްމިޓް ކޮށްފައިއޮތް ތެލް އަވީވްގެ ހޮސްޕިޓަލުން ބުނެފައިވަނީ އޭނާގެ ހާލު އިތުރަށް ގޯސްވެ ފުރާނަ ސަލާމަތް ނުކުރެވޭ ހާލުގައި އޮތް ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގެ ހުކުރު ދުވަހު އެ ހޮސްޕިޓަލުން ބުނެފައި ވަނީ ޝެރޯންގެ ލޭގެ ނިޒާމުން އިތުރު އިންފެކްޝަންތައް ފެންނަން ފަށާފައިވާ ކަމަށެވެ.
ޝެރޯން އިސްރާއީލްގެ ބޮޑުވަޒީރު ކަމަށް ފުރަތަމަ ފަހަރަށް ހޮވުނީ، 2001 ވަނަ އަހަރު އެވެ. އޭނާ އެމަގާމަށް އިންތިޚާބު ކުރެވުނީ އިރުމަތީ ގުދުސްގައި ހުންނަ މުގައްދަސު މިސްކިތް ކަމަށްވާ އަލް އަގްސާ މިސްކިތް ހުންނަ ބިމަށް ހިންގަވާފައި ވަޑައިގެންނެވިތާ މަސްތަކެއް ފަހުންނެވެ. ފަލަސްތީނުގެ ރައްޔިތުންނާއި ޔަހޫދީންނާ ދެމެދު ދެވަނަ ފަހަރަށް ނުތަނަވަސްކަން އުފެދެން މެދުވެރިވި ހާދިސާ އަކީ ވެސް ޝެރޯން އަގްސާ މިސްކިތަށް ކުރި ޒިޔާރަތެވެ.
ޝެރޯން ވަނީ އޭނާގެ ވެރިކަމުގައި ފަލަސްތީނުގެ ބިންތަކުގެ ބޮޑުބައެއް ފޭރިގަނެ، އެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އާބާދުކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަވާފަ އެވެ. އަދި ޝެރޯން ވަނީ އޭނާގެ ވެރިކަމުގައި އިސްރާއީލު އަމިއްލައަށް އެބައިމީހުންގެ ބޯޑަރެއް ވެސް ގާއިމްކޮށްފަ އެވެ.
އިސްރާއީލުގެ ތާރީހުގައިވެސް ފެނިގެން ދިޔަ އެންމެ ހަރުކަށި ވެރިކަމުގެ ދުވަސްވަރަކީ ޝެރޯން ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ކަމަށް ވީނަމަވެސް 2001 ވަނަ އަހަރު އޭނާ ވެރިކަމާ ހަވާލުވެ ވަޑައިގެން ނެވުމަށް ފަހު ވަނީ 1967 ވަނަ އަހަރު ޔަހޫދީން ފަލަސްތީނުގެ ޣައްޒާއިން ފޭރިގެންފައިވާ ބިންތަކުގައި އާބާދުވި އިސްރާއީލީ އާއިލާތަކާއި އެގައުމުގެ ސަލާމަތީ ބާރުތައް އެތަނުން ބާލުވާފަ އެވެ.
ޣައްޒާއިން ޔަހޫދީ ބާރުތައް ބޭލުވި ނަމަވެސް ޝެރޯންއަށް 2006 ވަނަ އަހަރު ސްޓްރޯކެއް ޖެހިގެން ކޯމާއަށް ދިއުމުގެ ކުރިން ފަލަސްތީނުގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުވެފައިވަނީ މެދުއިރުމަތީގެ ހާލަތު ރަނގަޅު ކުރެވޭނީ ޝެރޯންއާ ނުލައި ކަމަށެވެ.