ކުރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ 49 ގައުމީ ކުރިކެޓް މުބާރާތުގެ ލީގް ބުރު ނިމުނުއިރު އެމްއެސް އެކަޑަމީ އާއި މާލޭ ސްޕޯޓްސް ކުލަބް ފައިނަލުން ޖާގަ ހޯދައިފި އެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި މިއަދު ހެދުނު ކުޅުނު މެޗު މާލޭ ސްޕޯސް އިން ކާމިޔާބު ކުރީ ވެސްޓު ކުލަބާއި ބައްދަލުކޮށް 10 ވިކެޓުންނެވެ. ޓޮސް ދިމާވުމުން ވެސްޓު ގަސްތުކުރީ ކުޅުމަށެވެ.

މިއަދުގެ މެޗުގެ ފުރަތަމަ އިނިންގްސްގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 90 ލަނޑެވެ. މާލޭ ސްޕޯޓްސްގެ ފުރަތަމަ އިނިންގްސްގައި ހަދާފައިވަނީ 299 ލަނޑެވެ. ވެސްޓު ސްޕޯޓްސް ދެ ވަނަ އިނިންގްސްގައި ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައި ވަނީ 242 ލަނޑެވެ. މާލޭ ސްޕޯޓްސް ކުލަބް ދެ ވަނަ އިނިންގްސް ފެށިއިރު މެޗުން މޮޅުވުމަށްޓަކައި ބޭނުން ވަނީ 34 ލަނޑެވެ.

ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެންއަރާ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 35 ލަނޑު ހެދިއެވެ.

މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ ފުރަތަމަ އިނިންގްސްގައި 104 އަދި ދެ ވަނަ އިނިންގްސްގައި ނުބައި ނުވެ 31 ލަނޑު ހެދި މުހައްމަދު ރިސްވާނެވެ. އަދި އެންމެ ރަނގަޅަށް އުކާފައި ވަނީ ފުރަތަމަ އިނިންގްސްގައި ހަތް ވިކެޓްނެގި އަހުމަދު ހަސަންއާއި ދެ ވަނަ އިނިންގްސްގައި ހަ ވިކެޓް ނެގި މިހުސާން ހަމީދެވެ.

މިއަދު މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާލޭ ސްޕޯޓްސް ކުލަބުގެ އަހުމަދު ހަސަން އެވެ.

މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމހުގެ 16 އަދި 18 ވަނަ ދުވަހު ކުޅިވަރު އެކުއެނީ އެއް ނަންބަރު ދަނޑުގައެވެ.