ޒަމާނީ ފުޓްބޯޅަ ރާއްޖޭގައި ތަރައްގީވެ ފައްކާވަމުން އަންނަ އިރު ކްލަބުގެ "12 ވަނަ ކުޅުންތެރިޔާ" ކަމަށްވާ ސަޕޯޓަރުންގެ ފަރާތުން ކްލަބަށް ސަޕޯޓު ކުރުމުގައި ކުޅިވަރުގެ ރޫހާ އެއްގޮތަށް ނަމޫނާ ދައްކަން ޖެހޭ ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަން އަލީ ވަހީދު (ބަލަކު) ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި އެކްލަބުން ބޭއްވި "ނިއު ރޭޑިއަންޓް ނައިޓް" ގައި ވާހަކަފުޅު ދައްކަވަމުން ބަލަކު ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅަ ސަޕޯޓަރުންގެ ސަޕޯޓު ކުރުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން 2012 ވަނަ އަހަރު ކްލަބާ ހަވާލުވިއިރު މި ކްލަބަކީ ރާއްޖޭގެ ހަތަރުވަނަ ކްލަބު. މިއަދު އަޅުގަނޑުމެން މިތިބީ ރާއްޖޭގެ އެއްވަނަ ކްލަބުގެ ގޮތުގައި. ހުރިހާ ތައްޓެއް ހިފައިގެން. އަޅުގަނޑު އެދެން ރާއްޖޭގެ ސަޕޯޓުކުރުމުގެ ވައްޓަފާޅި އަޅުގަނޑުމެންގެ ސަޕޯޓަރުން އިސްވެ ރަނގަޅު ކުރަން،" ބަލަކު ވިދާޅުވި އެވެ.

ބަލަކު ވިދާޅުވީ ބޭރު ގައުމުތަކާ ހިލާފަށް ރާއްޖޭގައި ފުޓްބޯޅަ ސަޕޯޓަރުންގެ އަމަލުތައް ހުންނަ ގޮތަކީ، މީހުންނާ ފޮށުމާއި ދިމާކުރުމުގެ ހަޑިހުތުރު އާދަ ކަމަށާއި އެގޮތް މިއަދު ބަދަލުކުރަން އެބަޖެހޭ ކަމަށެވެ. އަދި ކްލަބުގެ ޖާޒީ އަޅައިގެން ސަޕޯޓަރުން ކްލަބު ފޯރި ދައްކަން ޖެހޭ ކަމަށެވެ.

"ކުރިން އޮންނަ ގޮތެއްމީ، ދިމާކުރުން، ފޮށުން، އޭތް އޯތް ގޮވައި ހެދުން. އެ ޒަމާން ދޫކޮށްލަން ވެއްޖެ. އެހެން ނޫނީ ކްލަބުގެ ޖާޒީ ހެދުމުގެ ބޭނުމެއް ނެތް. އެހެން ނޫނީ ޒަމާނީ ފުޓްބޯޅައޭ ކިޔައިގެން އެހެން ލެވެލްއަކަށް ގެންދިއުމުގެ ބޭނުމެއް ވެސް ނެތް،" ނިއުގެ ޗެއާމަން ވިދާޅުވި އެވެ. "ބޭރު ގައުމުތަކުގައި އޮންނަނީ، ރޭސިޒަމް. ކަލޭ މާ ކަޅޭ، ކަލޭ ހީވަނީ ރާމާ މަކުނެއް ހެނޭ. ރާއްޖޭގައި އެކަމެއް ނޯވޭ. ރާއްޖޭގައި އޮންނަނީ ބަސްމަގު ތަފާތުކޮށް، ވާދަވެރި ސަޕޯޓަރުންނާއި އިދިކޮޅު ކުޅުންތެރިންނާއި ދިމާކުރުން."

ބަލަކު ވިދާޅުވީ، ސަޕޯޓަރުން އިދިކޮޅު ޓީމުތަކުގެ ކުޅުންތެރިންނާ ދިމާކޮށް ހަދާއިރު އެ ކުޅުންތެރިޔާ ޖެހިގެން އަންނަ އަހަރު ތިމާމެންގެ ޓީމަށް އަންނަ ތަން ވެސް އެބަ ދިމާވާ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެން މިއަދު އެންމެ ފަހުރުވެރިވާ އެއް ކުޅުންތެރިޔާ އިމްރާނާ ދިމާއަށް ނިއުރޭޑިއަންޓްގެ ސަޕޯޓަރުން ލަޓިބުރިއެއް ވެސް އެއްލި. އެހެން ނަމަވެސް މިއަދު ނިއުރޭޑިއަންޓުގެ ގޯލަށް އަންނަ ހުރިހައި ހަމަލާއެއް ދިފާއުކުރުމުގެ އައްޑަނައަކީ އިންރާން. ދަންނަވަން އުޅޭ ވާހަކައަކީ ނެގެޓިވް ސަޕޯޓް ހުއްޓައިލާށޭ،" އިމްރާން ނިއުއަށް ބަދަލުވުމުގެ ކުރިން ދިމާވި ހާދިސާއަކުން މިސާލު ދައްކަވަމުން ބަލަކު ވިދާޅުވި އެވެ.

ބަލަކު ވިދާޅުވީ، ނިއު ރޭޑިއަންޓް މިވަގުތު އޮތީ، ރާއްޖޭގެ އެއްވަނަ މަގާމުގައި ކަމަށާއި އެހެން ކަމުން ނިއުގެ ސަޕޯޓަރުން އެހެން ކްލަބުގެ ސަޕޯޓަރުންނަށް ޒަމާނީ ފުޓްބޯޅައާ ގުޅޭ ރިވެތި އަޚްލާގާއި ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓުކުރުމުގެ ނަމޫނާ ދެއްކުމުގައި އިސް ނަގަން ޖެހޭ ކަމަށެވެ.

ނިއުގެ ސަޕޯޓަރުންނަށް ހާއްސަ ކޮށްގެން އެ ކްލަބުގެ "ޖާޒީ ނަންބަރު 12" ކުޅުންތެރިން ބޭނުން ނުކުރާ ގޮތަށް ހަމަޖައްސާފައިވާއިރު މިސީޒަންގައި އެ ކްލަބުގެ "ހޯމް ޖާޒީ ބައްލަވައިގަންނަވާ ހުރިހާ ސަޕޯޓަރުންނަށް، ޕަވާ ސްޕޯޓްސް އިން ހިލޭ، 12 ނަމްބަރު ޖަހައި ދޭނެ" ކަމަށާއި އަދި ނިއުގެ ސަޕޯޓަރުން ދަނޑަށް ވަންނައިރު ނިއުގެ ޖާޒީއިން ސިޑިބަރި ފުރާލަ ދިނުމަށް ވެސް ބަލަކު އެދިވަޑައިގަތެވެ.