ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ދެކެ ބިރު ނުގަންނަ ކަމުގައި އެތުލެޓިކޯ މެޑްރިޑްގެ ގޯލްކީޕަރު ތިބޯތް ކޯޓްއޮއިސް ބުނެފި އެވެ.

މިރޭ އެތުލެޓިކޯ މެޑްރިޑުން ބާސާ އާއި ދެކޮޅަށް ނުކުންނާނީ މެޗުން މޮޅުވުމުގެ އަޒުމުގައި ކަމަށް ގިނަ ކުޅުންތެރިންނާއި އެކްލަބުގެ ކޯޗު ބުނަމުންދާއިރު، އަނިޔާއަށް ފަހު ބާސާގެ ތަރި މެސީ ވަނީ އެނބުރި ކުޅުމަށް އައިސްފަ އެވެ. ގެޓާފޭ އާއި ދެކޮޅަށް ބާސާ ކުޅުނު ކޮޕާ ޑެލްރޭ ގައި މެސީ ކުޅުނު ތިރީސް މިނެޓް ތެރޭގައި އޭނާ ދެލަނޑު ކާމިޔާބުކޮށްފައި ވެއެވެ.

މިރޭ ބާސާ ނުކުންނައިރު އެޓީމްގެ އެންމެ ނުރައްކާތެރި ދެ ފޯވާޑުން ކަމަށްވާ މެސީ އަދި ނޭމާ މެޗުން ނުފެންނަ ނަމަ، އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ކޯޓްއޮއިސް ބުނެފައި ވެއެވެ. ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންކަމަށްވާ މެސީ އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ހުންނަ ޓީމެއް ބަލިކުރުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވެސް އނާ ބުންޏެވެ.

"އަހަރެން އެމީހުން ދެކެ ބިރެއް ނުގަނޭ. އަބަދުވެސް މަސައްކަތްކުރަން ޖެހޭނީ އެމީހުން ބަލިކުރަން." ކޯޓްއޮއިސް ބުންޏެވެ. "އެއީ މޮޅެތި ކުޅުންތެރިންތަކެއް. ކޮންމެ ކުޅުންތެރިއަކީ ވެސް ތަފާތު ކުޅުންތެރިއެއް. އެންމެ ހިތްހަމަޖެހޭނެ ކަމަކީ އެމީހުން ބަލިކުރުން. މެސީ އަދި ނޭމާ މެޗަށް ނުނުކުންނަ ނަމަ، އެކަންވާނީ ހިތްހަމަޖެހުމަކަށް."

މިސީޒަންގެ ސްޕެނިޝް ލީގުގައި ބާސާ އަދި އެތުލެޓިކޯ ބަލިވެފައި އަދި އެއްވަރުވެފައި ވަނީ ވެސް އެންމެ މެޗަކުންނެވެ. ދެޓީމުވެސް އަމިއްލަ ދަނޑުގައި ބަލިވެފައެއް ނުވެއެވެ. އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ބާސާ އާއި ދެކޮޅަށް ނުކުންނަ މެޗު ފެށޭނީ މިރޭ ރާއްޖޭ ގަޑިން 12:00ގަ އެވެ.