ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްތައް ފާސް ކުރުމަށް އަންނަ އަންގާރަ ދުވަހު ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާގައި އެމްޑީޕީ ބައިވެރިވާނެ ކަމަށާއި ނަމަވެސް އެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ބިލްތަކަށް ފާސް ކުރުމަށް ތާއީދު ނުކުރެވޭނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓޫރިސްޓުންގެ އަތުން ނަގާ ޓީޖީއެސްޓީ އަށް ޕަސެންޓުން 12 ޕަސެންޓަށް ބޮޑުކުރުމަށް ހުށަހަޅާފައިވަނިކޮށް، އަނެއްކާ ވެސް ޓޫރިސްޓުންގެ އަތުން އިތުރު ޓެކްސް ނެގުމަށް ތާއިދު ނުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓީޖީއެސްޓީ ބޮޑުކުރުމަށް ފަހު، ބެޑް ޓެކްސް ނެގުން ހުއްޓާލަންޖެހެ އެވެ. ޓީޖީއެސްޓީ އާއި ބެޑް ޓެކްސް ނެގުމުން ޓޫރިޒަމް ދާއިރާ އިން ދެ ޓެކްސްއެއް ނެގުމުން އެ ދާއިދާ އަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށާއި އެމްޑީޕީގެ ސިޔާސަތަކީ ޓީޖީއެސްޓީ ނެގުމަށް ފަހު ބެޑް ޓެކްސް އުވާލުން ކަމަށް އިބޫ ވިދާޅުވި އެވެ.

"ޕާލަމެންޓްރީ ގްރޫޕުން އެ ޖަލްސާގައި އަމަލު ކުރާނެ ވަކި ގޮތެއް ނުނިންމަން. ޕާޓީގެ ސިޔާސަތަކީ ޓީޖީއެސްޓީއާ އެކު ބެޑް ޓެކްސް ނެގުން ހުއްޓުމަކަށް އައުން،" ހިންނަވަރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އިބޫ ވިދާޅުވި އެވެ.

އަންގާރަ ދުވަހަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ހާއްސަ ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ހުއްޓުމަކަށް އައިސްފައިވާ ބެޑް ޓެކްސް މިއަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ނަގަމުން ގެންދިއުމަށެވެ. މީގެ 14 އަހަރު ކުރިން 1999 ވަނަ އަހަރު އަމަލު ކުރަން ފެށި ޓޫރިޒަމްގެ ގާނޫނުގެ 35 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ބެޑް ޓެކްސް ނެގުން މިދިޔަ ޑިސެމްބަރު 31، ނިޔަލަށް ވަނީ ނިމުމަކަށް އައިސްފަ އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ބުނެފައިވާ ޓީޖީއެސްޓީ އަށް ޕަސެންޓުން 12 ޕަސެންޓަށް ބޮޑު ކުރުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ވެސް ކުރިއަށް ގެންދިއުމަށް އަންގާރަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. އަދި ރިސޯޓްތަކުގެ މުއްދަތު 50 އަހަރަށް އިތުރުކުރުމަށް ދައްކަން ޖެހޭ ފީ ތިން މަސްތުވަހުގެ ތެރޭ ދައްކައި ހަލާސް ކުރުމަށް ހުށަހަޅާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް އަންގާރަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މިއަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުވާ ގޮތުން ރިސޯޓު ކުލި ގަނޑުކޮށް ނަގައިގެން އަހަދުވަހުގެ އާމްދަނީއަށް 1.2 ބިލިއަން ރުފިޔާ ލިބެނެ ކަމަށް ޖަހާފައިވެ އެވެ.