11 Jan 2014, 13:56
އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުންދޭ އެލަވަންސް، ޕީޕީއެމްގެ ވައުދާ އެއްގޮތަށް ވަރަށް އަވަހަށް 5000 ރުފިޔާ އަށް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ފުވައްމުލަކު ރައްޔިތުން ރޭ ބޭއްވެވި ޚާއްޞަ ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ އެ އެލަވަންސް ދެއްވުމަށް ނިންމަވާފައި ވަނީ، އިންޝުއަރެންސެއް ގާއިމު ކުރައްވައިގެން ކަމަށާއި އެމަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ނާއިބު ރައީސް ވިދާޅުވީ މި މަހުން ފެށިގެން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހުދޫދެއް ނެތި އާސަންދައިގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.
ނާއިބު ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތަކަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ރައްޔިތުންގެ އަޑު އައްސަވައިގެން ފައްޓަވާފައިވާ މަސައްކަތްތަކެއް ކަމަށެވެ. އަދި ނާއިބު ރައީސް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު އިޙްސާސްތައް ގުޅިފައި ހުރީ ޢާންމު ޚިދުމަތްތަކާ ކަމަށާއި ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުން އެދޭ އެދުންތައް ފުއްދަވައި ދެއްވޭނެ ގޮތް ހައްދަވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމަށް ޑރ. ޖަމީލު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ރޭގެ ޚާއްޞަ ޙަފްލާގައި ފުވައްމުލަކު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހަނދާނީ ފިލައެއް އެރުވި އެވެ. އެ ފިލާ އެމަނިކުފާނަށް އެރުވީ ފުވައްމުލަކު އަތޮޅު ކައުންސިލުގެ ކައުންސިލަރުންނެވެ.