11 Jan 2014, 12:15
މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ މުހިންމު ފޯވާޑް ނެދަލޭންޑްސްގެ ރޮބިން ވެންޕާސީއަށް ލިބުނު އަނިޔާއިން ސަލާމަތްވެ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އަޅުން ކުޅުމަށް އެނބުރި އަންނަން ތައްޔާރު ވެއްޖެ ކަމަށް އެކުލަބުން ބުނެފި އެވެ.
ވެންޕާސިއަށް އަނިޔާވީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޔޫކްރެއިންގެ ޝަކްތާ ޑޮނެޓްސްކް އަތުން 1-0 އިން މޮޅުވި މެޗުގެ 67 ވަނަ މިނިޓްގައި ފިލް ޖޯންސް އެޓީމަށް ލަނޑު ކާމިޔާބުކޮށްދިން ކޯނަރު ނަގަން އުޅުމުގެ ތެރޭގަ ފައިގެ ކުޑަހުޅަށެވެ.
އާސެނަލް އިން 2012 ވަނަ އަހަރުގެ އޯގަސްޓް މަހު 24 މިލިއަން ޕައުންޑަށް ޔުނައިޓެޑާ ގުޅުނު 30 އަހަރުގެ ޑަޗްގެ ފޯވާޑް މިސީޒަންގައި ޔުނައިޓެޑަށް އޭނާ ކުޅުނު 11 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ.
އަނިޔާ އަށް ފަރުވާ ހޯދުމުގެ ފަހު މަރުހަލާ އަށް ފަހު މިހާރު ވެންޕާސީ ހުރީ މެންޗެސްޓާގަ އެވެ. ޔުނައިޓެޑްގެ ކެރިންގްޓަން ހެޑްކުއާޓާޒް ގައި ހުރެ ވެންޕާސީ އިތުރު ފަރިތަކުރުންތައް ކުރިއަށް ގެންދާނެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސްވަންސީ އާއި ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުން ވެންޕާސީ ނުފެނުނު ނަމަވެސް، ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗުގައި ވެންޕާސީ ފެނިދާނެ ކަމަށް ޔުނައިޓެޑުން މައުލޫމާތުދެ އެވެ.
އަނިޔާއަށް ފަހު ވެންޕާސީ އެނބުރި އަންނައިރު، ޔުނައިޓެޑް އޮތީ ލީގުގެ ހަތްވަނާގަ އެވެ. ޔުނައިޓެޑާއި ލީގުގެ އެއްވަނާގައި އޮތް އާސެނަލް އާއި ދެމެދު އެގާރަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ލީގުގެ އެއްވަނާގައި 45 ޕޮއިންޓާއެކު އާސެނަލް އޮތްއިރު ދެވަނާގައި މެންޗެސްޓާ ސިޓީ އަށް ލިބިފައި ވަނީ 44 ޕޮއިންޓެވެ. އަދި ލީގުގެ ތިންވަނާގައި އޮތް ޗެލްސީ އަށް ލިބިފައި ވަނީ 43 ޕޮއިންޓެވެ.