ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިނުގަތް ކުރީގެ އެޓާނީ ޖެނެރަލް ޑރ. އަހުމަދު އަލީ ސަވާދު އަލުން އެޓާނީ ޖެނެރަލް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެންމެ އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.


އެޓާނީ ޖެނެރަލް ކަމުގެ މަގާމަށް ޑރ. ސަވާދަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްތޯ ނެގި ވޯޓުގައި އޭނާ އަށް ފަސް ވޯޓު ލިބިވަޑައިގަތް އިރު، އޭނާ އާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވައި ދެ ބޭފުޅަކު ތިއްބެވި އެވެ.


ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބޭ ވަޒީރުންނަށް މަގާމުގައި ދެމިތިބެވޭނެތޯ ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ބޭފުޅެއްގެ ރައުޔުއާ އެކު ހުކުމް ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބި ވަޒީރަކަށް ވަޒީރެއްގެ މަގާމުގައި ދެމިނުތިބެވޭނެ ކަމަށެވެ.