ގްރޫޕްތަކުގެ ހަރަކާތްތައް ހިންގާތަނެއް ކަމަށް ބެލެވޭ ސިނަމާލެ ފްލެޓް ސަރަހައްދުގައި ހުރި ތަންތަން ނައްތާލުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ސިނަމާލެ ފްލެޓް ސަރަހައްދުގައި އުޅޭ ގްރޫޕުތަކުން ހިންގާ ޖިނާއީ ހަރަކާތްތަކާ ގުޅިގެން ވަރަށް ބޮޑެތި ޝަކުވާތަކެއް އެ ފްލެޓްތަކުގައި އުޅޭ އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ހުށަހަޅަމުންދާ ކަމަށެވެ.

އެގޮތުން މިއަދު މާލެ ސިޓީ ކައުންސިލްގެ ލަފާގެ މަތިން ސިނަމާލެ ފްލެޓް ސަރަހައްދު އާއްމު ހާލަތަށް ގެނައުމަށް ޓަކައި އެތަން ބަލައި ފާސްކުރުމުގެ ހަރަކާތެއް ފުލުހުން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެތަން ބަލައި ފާސްކުރުމުގެ ތެރޭގައި މިހާތަނަށް ހަތަރު ވަޅި އާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސިނަމާލެ ފްލެޓް ސަރަހައްދު ބަލައި ފާސްކުރުމުގެ އިތުރުން އެ ސަރަހައްދަށް ނިސްބަތްވާ ގްރޫޕުތަކަށް މަސްތުވާތަކެތި ފޯރުކޮށްދޭ ތަންތަން ވެސް ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.

ސަންގެ ނޫސްވެރީން އެ ސަރަހައްދަށް ދިޔައިރު ފުލުހުން ވަނީ އެ ސަރަހައްދުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ޕެކެޓުތަކެއް ހޯދާފަ އެވެ.

ފުލުހުން ބުނީ އެ ހަރަކާތާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެ ހަރަކާތް ހިންގާ ތަނަށް ކަމާ ނުބެހޭ އެއްވެސް ފަރާތެއް އައިސްފި ނަމަ އެމީހަކު ބަލައި ފާސްކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.