11 Jan 2014, 10:59
މި އަހަރުގެ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން ކުލަބް ވެލެންސިއާގެ ޕްރެކްޓިސް މިއަދު ފެށުމަށް ނިންމައިފި އެވެ.
ވެލެންސިއާގެ އިސް އޮފިޝަލަކު ބުނީ، ޕްރެކްޓިސް މިއަދު ހަވީރު ޓާފް ދެ ނަންބަރު ދަނދުގައި ފެށުމަށް ހަމަޖެހިފައި ވަނީ ކުރީގެ ގައުމީ ޓީމްގެ ކެޕްޓަން އަދި ނިއުގެ އެސިސްޓެންޓު ކޯޗްކަން ކޮށްފައިވާ ތޮއްޑޫ މުހައްމަދު ނިޒާމްގެ ބެލުމުގެ ދަށުން ކަމަށެވެ.
ތޮއްޑޫ ނިޒާމް އޭނާގެ ރަށު ޓީމުން ފާހަގަ ވުމަށް ފަހުން ދެން ފެނިގެންދިޔައީ ކުރީގެ ލިއޯސްޕޯޓްސް ކުލަބާއި ކްލަބް ލެގޫންސުންނެވެ. އެއަށް ފަހު 1995 ވަނަ އަހަރުގެ އޭޝިއަންކަޕްވިނާސް ކަޕުގެ ގަދަ އަށަކަށް ނިއު ރޭޑިއަންޓް ދަތުރުކުރި އިރު އެ މުބާރާތުގައި ނިއު އަށް ކުޅެނިޒާމް ވަނީ މުހިންމު ގޯލުތަކެއް ވެސް ޖަހައިދީފަ އެވެ.
ނިޒާމުގެ ފުޓްބޯޅަ ކެރިއަރުގެ ގިނަ ދުވަސްތައް އޭނާ ހޭދަކޮށްފައި ވަނީ އެ ކްލަބަކަށް އޭނާއަބަދު ވެސް ސަޕޯޓް ކުރާ ކްލަބް ވެލެންސިއާގަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުޓްބޯޅައިން އޭނާއަށް ލިބުނު ގިނަގުނަ ކާމިޔާބީތައް ވެސް ގުޅިފައި ވަނީ މެދުނުކެނޑި 10 އަހަރު ވަންދެން އޭނާލަމުން ދިޔަ ވެލެންސިއާގެ ރީނދޫ ޖާޒީއާ އެވެ. ނިޒާމް ވެލެންސިއާގެ ރީނދޫ ކުލަ އިހުތިޔާރު ކުރީ1996ވަނަ އަހަރު އެވެ. އެއަށް ފަހު ވެލެންސިއާ އިން އޭނާ ކުލަބު ބަދަލުކުރީ 2006 ވަނަ އަހަރު އައިއެފްސީ އަށް ކުޅުމަށެވެ.
ޖުމުލަ 14 ޓީމާ އެކު މިމަހުގެ 25 ގައި ފެށުމަށް ހަމަޖެހިފައިވާ ޔޫތްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރަތުގައި ވާދަކުރާ ގިނަ ޓީމްތަކުގެ ޕްރެކްޓިސް މިހާރު ވަނީ ފަށަފަ އެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ވެލެންސިއާ އާއި މިދިޔަ އަހަރުގެ ރަނަރަޕް ބީޖީ ސްޕޯޓްސްގެ އިތުރުން ނިއު ރޭޑިއަންޓް، މާޒިޔާ، އީގަލްސް، އޭވައިއެލް، ވިކްޓަރީ، މަހިބަދޫ ސްޕޯޓްސް ކްލަބު ގްރީން ސްޓްރީޓް، އޭދަފުށި، ވައިކަރަދޫ ފުޓްބޯލް ކްލަބު، ވޭރު ސްޕޯޓްސް ކްލަބު ކެލާ ނާޅި އަދި ވިލިމާލޭ ޔުނައިޓެޑް އެވެ.
ރާއްޖޭގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އިތުރަށް އުފައްދައި އާ ކުޅުންތެރިންނަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން އެފްއޭއެމްއިން 2011 ވަނަ އަހަރު ތައާރަފްކުރި މި މުބާރާތަކީ ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ.