ހޯޕް ފޯ ވިމެންސް ލީޑާޝިޕް ކޭމްޕް ފޯ ގާލްސްގެ ނަމުގައި ކޭމްޕެއް ބާއްވައިފި އެވެ.

ސޯޅަ އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާން ކުދިންނަށް އަމާޒުކޮށްގެން މި މަހު 3 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ބަނޑޮސްއައިލެންޑް ރިސޯޓްގައި ކުރިޔަށް ގެންދިޔަ އެ ކޭމްޕްގެ ބޭނުމަކީ ރާއްޖޭގައި އަންހެނުންނަށް ކުރަމުންދާ ގެވެހި އަނިޔާ ހުއްޓުވުމާއި ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ވެސް ބޮޑަތި ވަޒީފާތަކުގައި އުޅެވިދާނެކަން އަންގައިދިނުން ކަމަށް ހޯޕް ފޯ ވިމަންސްގެ ފަރާތުން ބުންޏެވެ. އަދި ވަޒީފާގެ ނުލިބިގެން މާޔޫސްނުވެ، ވަޒީފާގެ މައިދާނަށް ކެރިގެން ނުކުތުމާއި އެކަމަށް އެ އުމުރުގެ ކުދިން ހޭލުންތެރި ކުރުން ވެސް އެ ކޭމްޕްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ފަރާތުން ބުންޏެވެ.

އެ ކޭމްޕްގެ ޑިރެކްޓަރު ވިދާޅުވީ ކޭމްޕް ވަރަށް ކާމިޔާބު ކަމަށާއި ކޭމްޕުން ހާސިލްކުރަން ބޭނުންވި މަގްސަދު ހާސިލްވެފައިވާ ކަމަށެވެ.

ކޭމްޕް ދިޔަގޮތާ ބެހޭ ގޮތުން ކޭމްޕްގައި ބައިވެރިވި ޒުވާން އަންހެން ކުއްޖަކާ ސުވާލުކޮށްލުމުން ބުނީ އެ ކޭމްޕަކީ ވަރަށް މުހިންމު ކޭމްޕެއް ކަމަށާއި "ބޮޑަތި ވަޒީފާތަކުގެ މައިދާނުގައި ވެސް އަންހެނުންނަށް އުޅެވިދާނެކަން، އަދި އެ ފުރުސަތު ވެސް އެބައޮތްކަން މި ކޭމްޕުން އެނގިގެން ހިނގައްޖެ" ކަމުގަ އެވެ.