ޕެރިސް (ޖަނަވަރީ 11): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިން، "ދި އިސްލާމިކް ސްޓޭޓް ފޯ އިރާޤް އެންޑް ޝާމް" (ދާޢިޝް) ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ޙަލްބްގައި ހުންނަ ދާޢިޝްގެ މައި މަރުކަޒު ހިފައި "ދާޢިޝް"ގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލައިފި ކަމަށް ޚަބަރު ލިބިއްޖެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ "ސީރިޔަން އޮބަޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް"ބުނާ ގޮތުން ޙަލްބްގައި ހުންނަ "ދާޢިޝް"ގެ މައި މަރުކަޒު މިހާރު ވަނީ ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ ޖާމައަތް ކަމަށްވާ "ފްރީސީރިޔަން އާމީ"ގެ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އަދި ހަލަބްގެ ބޮޑުބައެއް އަތްދަށުލައިގެން ތިބި ދާޢިޝްގެ ހަނގުރާމަވެރިން މިހާރުވަނީ ފައްސާ ނަގާލެވިފަ އެވެ. ދާޢިޝް ޖަމާއަތުގެ ހަނގުރާމަވެރިން އެމީހުންގެ މައިމަރުކަޒަކަށް ހަދައިގެން އުޅުނީ ހަލަބްގައި ހުންނަ ކުޑަކުދިންނާއި އަންހެނުންގެ ހޮސްޕިޓަލް ޢިމާރާތެއް ކަމަށްވެ އެވެ.

އެ އިމާރާތުގެ ތެރޭގައި ފިލާތިބެގެން ދާޢިޝްގެ އެތައް ސަތޭކަ ހަނގުރާމަވެރިން ވޭތުވެ ދިޔަ ފަސް ދުވަހުގެ ތެރޭގައި ވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ "ފްރީސީރިޔަން އާމީ" އާއި ނުސްރާ ޖަމާއަތާ އެނޫން ޖަމާއަތްތަކުގެ ހަނގުރާމަވެރިންނާ ވަރުގަދައަށް ކުރިމަތިލާފަ އެވެ. އިއްޔެ ދާޢިޝްގެ ހަނގުރާމަވެރިން ބަލިކޮށް އެމީހުންގެ މައިމަރުކަޒަށް އިދިކޮޅު ހަނގުރާމަވެރިން ވަންއިރު ދާއިޝްގެ އެތައް ސަތޭކަ ބައެއްގެ މަރުވެފައިވާ ހަށިތައް އެތާނގައި އުކާލެވިފައިވާ ކަމަށާއި ނަމަވެސް ދާއިޝްގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ފިލައި އަނެއްބައި ހަނގުރާމަވެރިން ވިއްސިވިހާލި ކޮށްލެވިފައިވާ ކަމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ޙަވާލާދީ "ސީރިޔަން އޮބަޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ނެރުނު ބަޔާނެއް ބުނެ އެވެ. އަލްގާއިދާގެ ގޮތްޕެއް ކަމަށް ބެލެވިފައިވާ"ދިއިސްލާމިކް ސްޓޭޓް ފޯ އިރާގު އެންޑް ޝާމް" (ދާޢިޝް) ޖަމާއަތުގެ ޒަޢީމް މުހައްމަދުލްޢަދްނާނީ މިދިޔަ ހަފްތާގައި ވަނީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ "ފްރީސީރިޔަން އާމީ"ޖަމާއަތާއި އާއި "އައްނުސްރާ" ޖަމާއަތާ އެނޫން ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފަ އެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދާޢިޝްގެ ހަނގުރާމަވެރިންނާއި އެނޫން ހަނގުރާމަވެރިންގެ ދެމެދުގައި ބަރުހަތިޔާރާއި އާދައިގެ ހަތިޔާރުން ސޫރިޔާގެ އުތުރުގައި ބަދަލުކުރި ޙަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ހާސްބަޔަކު ވަނީ ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ތުރުކީއަށް ހިޖްރަކޮށްފަ އެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގާ ހަނގުރާމަވެރިންގެ ޙަމަލާތައް އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް އަމާޒުކުރަމުން ގެންދާއިރު ބައްޝާރަށް ތާއީދުކުރާ މިލީޝިޔާތަކުންނާއި ސޫރިޔާ ސިފައިން ގެންދަނީ އެމީހުންގެ ބާރު ގަދަކުރަމުންނެވެ. (އަލްޖަޒީރާ)