އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުންނާއި އިންތިހާބު ސުލްޙަވެރި އަދި އަމާން އިންތިހާބެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ސިޔާސީ ޕާޓީތަކާ އެކު ބައްދަލުކޮށް ފުލުހުން މަޝްވަރާކޮށްފި އެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކަށް ވަނީ އެ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވާނެ ގޮތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ދީފަ އެވެ. އަދި އިންތިހާބުގައި ފުލހުން ހަރަކާތްތެރިވާނީ އިލެކްޝަންސް ކޮމިޝަނުން އަންގާ ގޮތެއްގެމަތިން ކަމަށާއި ސިޔާސީ ޕާޓީތަކުން ވެސް އިންތިޚާބުގެ ކަންކަން ސުލްޙަވެރިކަމާ އެކު ގެންގޮސްދިނުމަކީ ފުލުހުން އެދޭ ވަރަށް ބޮޑު އެދުމެއްކަމުގައި ސިޔާސީ ޕާޓީތަކުން މިބައްދަލުވުމުގައި ބައިވެރިވި މަންދޫބުންގެ ކިބައިން ފުލުހުން ވަނީ އެދިފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ފުލުހުން ހިންގާ އޮޕަރޭޝަން ރަމަތައިގެ ކޮމާންޑަރުގެ އެދިވަޑައިގަތުމުގެމަތިން އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މާލޭސިޓީ ޕޮލިސްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އެވެ.