11 Jan 2014, 09:40
މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ފިލްމީ ތަރި އަހުމަދު ސައީދު އިންތިހާބުކޮށް، ވައިސް ޗެއާޕާސަންގެ މަގާމަށް މަޝްހޫރު ފިލްމީ ޑައިރެކްޓަރު ފާތުމަތު ނަހުލާ އިންތިހާބުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި އެ ޖަމިއްޔާގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމު ސައީދަށް ލިބުނީ މުހައްމަދު އަބްދުﷲ (މުހައްމާ)އާ ވާދަކޮށެވެ. ފިލްމު އެސޯސިއޭޝަންގެ 99 މެމްބަރަކު ވޯޓުލީ އިންތިހާބުގައި މުހަންމާއަށް ލިބުނީ 38 ވޯޓެވެ. ޖަމިއްޔާގެ ބޯޑުގެ ޗެއާއަކަށް ހޮވުނު ސައީދަށް ލިބުނީ 61 ވޯޓެވެ.
ފިލްމު އެސޯސިއޭޝަންގެ ޗެއާއަކަށް މުހައްމާ އިންތިހާބު ކޮށްފައިވަނިކޮށް، 2012 ވަނަ އަހަރުގެ ފަހުކޮޅު މުހައްމާ އެ މަގާމުން އިސްތިއުފާ ދިނެވެ. މައްސަލަތަކެއްގެ ތެރެއަށް ފިލްމީ ދާއިރާގެ ޖަމިއްޔާ ވެއްޓިފައި ވަނިކޮށް، މުހައްމާ އެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު ދެން ފެނުނީ ސިޔާސީ ދާއިރާއިންނެވެ.
ޖަމިއްޔާގެ ހަތް މަގާމަކަށް 14 މީހަކު ވާދަކުރި އިންތިހާބުގައި ވައިސް ޗެއާޕާސަންގެ މަގާމަށް ހޮވުނީ ނަހުލާ އެވެ. ނަހުލާއަށް އެ މަގާމު ލިބުނީ މުހައްމަދު އަބޫބަކުރާ ވާދަކޮށް 70 ވޯޓު ހޯދައިގެންނެވެ. މުހައްމަދު އަބޫބަކުރަށް ލިބުނީ 26 ވޯޓެވެ.
ތިން މެމްބަރަކު އިންތިހާބު ކުރި އެ ޖަމިއްޔާގެ ބޯޑަށް ހޮވުނީ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގާއި އަބްދުﷲ މުއާޒު (މުއާ) އެވެ. އެ ތިން މީހުންނާއެކު ބޯޑު މެމްބަރުންނަށް ހަތަރު މީހަކު ވާދަކުރި އެވެ. ނާކާމިޔާބީއާ ކުރިމަތިލި ހަތަރު މީހުންނަކީ އަހުމަދު ޝަކީބާއި އަމްޖަދު އިބްރާހިމް ދީދީ އާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އިތުރުން އަބްދުﷲ މާހިރެވެ.
ޖަމިއްޔާގެ ޖެނަރަލް ސެކަރެޓަރީގެ މަގާމަށް ދެ މީހަކު ވާދަކުރި އެވެ. އިސްމާއިލް ޝަފީގާ ވާދަކޮށް ހުސައިން ނޫރައްދީން ނާސިރު އެ މަގާމު ހޯދީ 17 ވޯޓުގެ ތަފާތުންނެވެ. ހުސައިން ނޫރައްދީން ވަނީ 57 ވޯޓު ހޯދާފަ އެވެ. އިސްމާއިލް ޝަފީގަށް ލިބުނީ 40 ވޯޓެވެ.