ނުވާކްޝޫތް (ޖަނަވަރީ 11): ކީރިތި ރަސޫލާ (ޞ.ޢ.ވ) އަށް ފުރައްސާރަކުރުމާގުޅިގެން ކުފުރުގެ ތުހުމަތު ކުރެވިފައިވާ މޮރިޓޭނިޔާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ޝައިޚް ވްލިދް މުޙައްމަދާ ދެކޮޅަށް އެގައުމުގެ އެތަށް ހާސްބަޔަކު މުޒާހަރާކޮށްފި އެވެ.

ހުޅަނގު އެފްރިކާގެ އަރަބި ގައުމެއް ކަމަށްވާ މޮރިޓޭނިޔާގެ ވެރިރަށް ނުވާކްޝޫތްގެ މިސްކިތްތަކުން އިއްޔެ އަސުރު ނަމާދަށް ފަހު ނުކުތް އެތައް ހާސްބައެއްގެ ތެރެއިން އެއްބަޔަކު ވަނީ ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމުގެ ޖަރީމާ ހިންގި މުހައްމަދު ޝައިޚް ވަގުތުންމެރުމަށް ގޮވާލާފަ އެވެ. އަދި އަނެއް ބަޔަކު ވަނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް އޭނާގެ މައްޗަށް ޝަރީޢަތް ހިންގައި ޝަރީޢަތުން ނިންމާނިންމުމެއް ތަންފީޒު ކުރުމަށް ފަސްނުޖެހުމަށް މޮރިޓޭނިޔާގެ ސަރުކާރަށް ގޮވާލާފަ އެވެ.

މޮރިޓޭނިޔާ ސަރުކާރުން ވަނީ މުރުތައްދާއި ކުފުރުގެ ތުހުމަތުގައި މުހައްމަދު ޝައިޚް ހައްޔަރުކޮށްފަ އެވެ. އަދި އިއްޔެ މުޒާހަރާކުރި މީހުންނާ ރިޔާސީ ގަނޑުވަރުގެ ގޭޓްގެ ކުރިމަތީގައި ބައްދަލުކުރައްވައި މޮރިޓޭނިޔާގެ ރައީސް އަދި ޢަސްކަރީ ވެރިޔާ ޖެނެރަލް މުހައްމަދު ވްލިދް އަބްދުލްޢަޒީޒު ވަނީ ކީރިތި ރަސޫލާއާއި މާތްވެގެންވާ އިސްލާމް ދީނުގެ ދިފާޢުގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅައި އަދި ކުރަންޖެހުނު ކޮންމެ ކަމެއް ބޭރުގެ ފިއްތުންތަކަށް ނުބަލައި ކުރައްވާނެ ކަމުގެ ޔަގީންކަން މުޒާހަރާކުރި މީހުންނަށް ދެއްވާފަ އެވެ.

ކީރިތި ރަސޫލާއަށް ފުރައްސާކޮށް މުހައްމަދު ޝައިޚް އިންޓަނެޓްގައި ލިޔެފައިވާ އާޓިކަލްގައި މާތްރަސޫލާއަކީ އިލާހީގޮތުން ފޮނުއްވުނު ރަސޫލެއްގެ ބަދަލުގައި ހުނަރުވެރި ވިސްނުން ތޫނު ބޭފުޅެއްގެ ގޮތުގައި އެކަލޭގެފާނު ސިފަކުރައްވާފައިވާ ކަމަށްވެ އެވެ. އަދި ކީރިތި ގުރްއާނަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ރަސޫލާއަށް ބާއްވާލެއްވި އިލާހީ ކަލާމްފުޅު ނޫންކަމާއި އެއީ އެކަލޭގެފާނު އަމިއްލަފުޅަށް އެކުލަވާލެއްވި ފޮތެއް ކަމަށް ޝައްކުވާގޮތަށް ވެސް އޭނާގެ އާޓިކަލް ބައްޓަން ކޮށްފައިވާކަމަށާއި އަދި އެއާޓިކަލްގައި ބައެއް ސަޙާބީންނަށް ވެސް ބަދުބަސް ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މޮރިޓޭނިޔާގެ ސަރުކާރުން ވަނީ އިންޓަނެޓުން މިއާޓިކަލް ނަގާފަ އެވެ. މިމައްސަލާގައި މޮރިޓޭނިޔާގެ ފުލުހުން ވަނީ މިމަސް ފެށުނުތަނާ މުހައްމަދު ޝައިޚް ހައްޔަރުކޮށްފަ އެވެ. މިމައްސަލާގައި މުހައްމަދު ޝައިޚްގެ މައްޗަށް ކުފުރާއި މުރުތައްދުގެ މައްސަލާގައި މަރުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް މޮރިޓޭނިޔާގެ ޝަރުޢީ ދާއިރާ ބުނެ އެވެ. (އެޖެންސީ ފްރާންސް ޕްރެސް)