11 Jan 2014, 01:46
ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މިދިޔަ ސީޒަންގެ މޮޅުކުޅުންތެރިޔާގެ މަގާމަށާއި ސަޕޯޓަރުންގެ މޮޅުކުޅުންތެރިޔާގެ މަގާމަށް އަލީ އަޝްފާގު (ދަގަނޑޭ) ހޮވައިފި އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި "ނިއުރޭޑިއަންޓް ނައިޓް"ގައި ދަގަނޑޭއަށް އެވޯޑް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެވެ.
ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ ތާރީހީ ރެކޯޑާއެކު ނިއުއަށް ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބުކޮށްދީ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލާ ހަމައަށް ނިއު ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ދަނގަޑޭ ވަނީ އެޓީމަށް މިދިޔަ ސީޒަންގައި 44 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. 2012 ވަނަ އަހަރުވެސް މި ދެއެވޯޑު ހާސިލްކުރި ހުނަރުވެރި ފޯވާޑު ވަނީ ގައުމީ ޓީމަށް މިދިޔަ ސީޒަންގައި ޖަހައިދިން 14 ލަނޑާއެކު މުޅި ސީޒަންގައި ޖުމުލަ 58 ލަނޑު ކާމިޔާބުކޮށް ތާރީހީ ރެކޯޑެއް ގާއިމްކޮށްފަ އެވެ.
ނިއުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދަނގަޑޭ ހޮވިއިރު އެ ކްލަބުންދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މިފަހަރު ދީފައިވަނީ، ދަގަނޑޭއާއި ބީޖީ ސްޕޯޓްސްގެ މިޑްފީލްޑަރު އަހުމަދު އަޝްފާން ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީފެންވަރަށް ގެނެސްދިނުމަށް ބުރަމަސައްކަތްކަތެއް ކޮށްދިން އެދެ ކުޅުންތެރިންގެ މަންމަ އާމިނަތު ނާހިދާ އަށެވެ.
"ނިއު ރޭޑިއަންޓް ނައިޓް"ގައި މިރޭ ދަގަނޑޭއަށް ވަނީ އިތުރު ދެ އެވޯޑެއް ވެސް ދީފަ އެވެ. އެގޮތުން ނިއުގެ އެކްސެލެންސް އެވޯޑް ދަގަނޑޭއަށް ލިބިފައިވާރު ނިއުގެ އެންމެ މޮޅު ހޮވުނީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ދަގަނޑޭ ޖެހި ލަނޑެވެ.
ދަގަނޑޭގެ އިތުރުން ނިއުގެ އެކްސެލެންސް އެވޯޑު ހާސިލްކުރީ އެޓީމުގެ ގޯލްކީޕަރު އަދި ކެޕްޓަން އިމްރާން މުހައްމަދާއި ތިން ފޯވާޑުން ކަމަށްވާ އަލީ އުމަރު، އަލީ ފާސިރު (ސެންޓޭ) އަދި މުހައްމަދު އުމެއިރު (އުމޭ) އާއި މިޑްފީލްޑަރު އަހުމަދު ނިޔާޒުގެ އިތުރުން އެޓީމުގެ ކުރީގެ ކޯޗު ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް އެވެ.
މިދިޔަ ސީޒަންގައި ނިއުގެ 23 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، އެޓީމުގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އެވެ.
ނިއު ރޭޑިއަންޓުގެ ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ލިބުނު ފަރާތްތަކަކީ އެ ކްލަބުގެ ވެޓަރަންސް ޓީމަށް މިދިޔަ ސީޒަންގައި ކުޅެ އެ މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނު މުހައްމަދު އިބްރާހީމް އާއި އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ނިޒާމް (ތޮއްޑޫ) އެވެ.
މި ހަފްލާގައި ނިއުގެ ޕްލެޓިނަމް ޕާޓްނާ އެވޯޑް މައިލޯއަށް އަށް ދީފައިވާއިރު ކްލަބުގެ އެގްޒެކެޓިވް ޕާޓްނާސް އެވޯޑު ލިބިފައިވަނީ ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި ނިއުގެ ކުރީގެ ޗެއާމަން އައްނަބީލް މުހައްމަދު ވަހީދުއްދީން (ޑީން) އަށާއި ކުރީގެ ކެޕްޓަން އަދި ކޯޗުކަން ކުރެއްވި އިބްރާހީމް ނޫރައްދީން އަށެވެ.
މީގެ އިތުރުން އެ ކްލަބުން ވަނީ، ސިލްވާ ޕާޓުނަރުން ކަމަށްވާ، މީޑިއާނެޓް، އެސްޓީއޯ، ފިލިތެޔޮ އައިލެންޑް ރިސޯޓް، ޖޭ ރިސޯޓު އަލިދޫ, މާބްލް ހޮޓެލް، ނަލަހިޔާ ހޮޓެލް، ކުއީން އާއިލާ، ރައުލް އިސްމާއީލް، ރުކުމާ އަހްމަދު، މޫކައި ސޫޓްސް، ވިލާ ޓްރެވަލްސް، ސަލްސާ ކޭޓަރިން އަދި ބަނޑޮސް އައިލެންޑް ރިސޯޓަށް ވެސް އެވޯޑު ދީފަ އެވެ.
ނިއުއިން ވަނީ މިރޭގެ ހަފްލާގައި އެ ކްލަބުން މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ބޭނުންކުރާނޭ، ހޯމް ޖާޒީ ކިޓާއި އަވޭ ކިޓާއި، އޮފިޝަލް ކިޓާއި ޓްރެވަލް ކިޓާއި، ހޮޓެލް ކިޓްގެ އިތުރުން ކްލަބުގެ އެކަޑަމީ ކިޓް ދައްކާލާފަ އެވެ.