ރާއްޖޭގައި އަންނަ މޭމަހު ބާއްވާ އޭއެފްސީ ޗެލެންޖު ކަޕުގެ މެޗުތައް ކުޅުމަށް ހަމަޖައްސާފައިވާ ގަލޮޅު ރަސްމީ ބޯޅަދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރާނޭ ކުންފުންޏެއް ކަނޑައަޅައި އެފަރާތާއެކު އެއްބަސްވުމުގައި ސޮއިކުރުން އަންނަ އާދީއްތަ ދުވަހު އޮންނާނޭ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހް ވިދާޅުވެއްޖެ އެވެ.

މަލީހް ވިދާޅުވީ އާދީއްތަ ދުވަހު އެއްބަސް ވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވީ ނަމަވެސް މަސައްކަތް ހަވާޅުކުރުމަށް ނިންމާފައިވާ ކުންފުނިން މިހާރުން ފެށިގެން މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި އެގޮތުން ހިތަދޫ އަށް ގެންދަން ޖެހޭ ތަކެތި ގެންދިއުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.

ޗެލެންޖު ކަޕަށް ދަނޑުތައް މަރާމާތުކުރާނޭ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިއުލާނު ކުރުމާ ގުޅިގެން އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަގެއް ހުށަހެޅި ފަރާތް ކަނޑައަޅައި އެފަރާތާ މަސައްކަތް ހަވާލުކުރުމަށް ނިންމީ ބުރާސްފަތި ދުވަހު ހަވީރު އެވެ. އެހެން ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ކުޅިވަރާބެހޭ ވަޒީރު ހާމައެއް ނުކުރައްވަ އެވެ.

ދަނޑުތައް މަރާމާތު ކުރާނޭ ފަރާތެއް ކަނޑައެޅުނުއިރު މިދިޔަ ބުދަ ދުވަހު އޭފްސީއިން ވަނީ މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަސް ދުވަހުގެ ތެރޭގައި ނުފަށައިފި ނަމަ މުބާރާތް ބޭއްމުގެ ފުރުސަތު އެއްކޮށް ގެއްލިދާނޭ ކަމުގެ އިންޒާރު ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އަށް ދީފަ އެވެ.

އޭއެފްސީ ޗެލެންޖް ކަޕް އަންނަ މޭ މަހުގެ 19 އިން 30 އަށް ރާއްޖޭގައި ބޭއްވުމަށްޓަކައި މުބާރާތުގެ ގުރުލުން ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ މިޔަންމާ، ކިރްގިސްތާން، އަފްގާނިސްތާން، ފަލަސްތީން، ޕިލިޕީންސް، އަދި ތުރްކުމަނިސްތާނުގެ އިތުރުން ބަނގްލްދޭޝް އެވެ.