ހއ. ދިއްދޫން ފުރައިގެން މަހަށް ނިކުމެ އުޅުނު ބޮއްކުރައެއް ބަނޑުންޖަހާލައި އެއިން ދަތުރުކުރި ތިން މީހުންގެ ތެރެއިން އެކަކު ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އެ ހާދިސާގެ މައުލޫމާތު ރޭ ގާތްގަނޑަކަށް 22:44 ހާއިރު ލިބުމާ ގުޅިގެން ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބާ ކްރާފްޓް އުޅަނދެއް ވަގުތުން އެސަރަހައްދަށް ގޮސް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެ މަގުން މިއަދުވެސް ސިފައިން އެމަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިހާދިސާގައި ގެއްލިގެން ހޯދަމުންދާ ސ. ހިތަދޫ ވިންސަމް، އުމުރުން 39 އަހަރުގެ އަޙްމަދު މުޖުތަބާ ހޯދުމަށް އެއާ ޓެކްސީގެ އެހީއާއެކު މިއަދު 13:00 ން 14:00 އަށް އެމްއެންޑީއެފުން ކުރި މަސައްކަތުން އަދި މީހާތަނަށް އޭނާ ފެނިފައި ނުވާއިރު އެ މަސައްކަތުގައި ކޯސްޓްގާޑް ޝިޕް ހުރަވީ މިއަދު 14:00 ގައި މާލެއިން ފުރާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި ގުޅިގެން ހއ. އަލިދޫ ރިސޯޓްގެ ޑައިވަރުން މިއަދު މެންދުރުފަހު ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އިރު އޮއްސެންދެން ކުރިއަށް ގެންގޮސްފައިވާއިރު ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެ މަސައްކަތް މިރޭވެސް ކުރިއަށް ގެންދާނެ ކަމަށްވެ އެވެ.


ތިން މީހުންނާއެކު އިއްޔެ ހަވީރު ގާތްގަނޑަކަށް 17:00 ހާއިރު، މަހަށް ނުކުމެ އުޅުނު މިބޮއްކުރާ ބަނޑުންޖަހާލާފައިވަނީ ރޭ ގާތްގަނޑަކަށް 19:40 ހާއިރު ދިއްދޫ ހުޅަނގުފަރާތު މެދުނެރާ ދިމާލު އުރަ ފަށަށެވެ. މިބޮއްކުރާ ބަނޑުންޖަހާލިއިރު، މިބޮއްކުރައިން ދަތުރު ކުރަމުންދިޔައީ ދެ ދިވެހިންނާއި ސްރީލަންކާގެ ރައްޔިތެކެވެ. ބަނޑުންޖަހާލި މިބޮއްކުރައަކީ ގާތްގަނޑަކަށް 15 ފޫޓް ދިގު، ނޫކުލައިގެ ބޮއްކުރަ އެކެވެ.

މިހާދިސާގައި ގެއްލިގެން ހޯދަމުންދާ އަޙްމަދު މުޖުތަބާއާއި އަދި މީނާ ދަތުރުކުރި ބޮއްކުރައާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފަ އެވެ.