10 Jan 2014, 18:58
ސަރުކާރުން ހުށަހަޅާފައިވާ ސިޔާސަތުތައް ކުރިއަށް ގެންދިޔުމަށް ފުރުސަތުތަކެއްދީ ކިތަންމެ ޚިޔާލު ތަފާތުވީ ނަމަވެސް، އެކީގައި މަސައްކަތްކުރުމުގެ ރޫޙު އިސްކުރުމަށް ސަރުކާރުގެ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުންނަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ރޭ އިލްތިމާސްކުރައްވައިފި އެވެ.
ނައިބު ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ އެމަނިކުފާނު މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކުގައި ހިނގަމުންދާ ސަރުކާރުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިކަމަށްޓަކައި ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ހުރިހާ މުވައްޒަފުންނާއެކީގައި މަސައްކަތްކުރުން ކަމުގައި ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތުތައް ކުރިއަށް ގެންދިޔުމުގެ އެންމެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންނަކީ، ސަރުކާރުގެ މުވައްޒަފުންކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި އަދި އެ ސިޔާސަތުތަކަކީ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް އޭގެ ސަބަބުން މަންފާ ލިބިދޭނެ ސިޔާސަތުތަކަކަށް ހެދުމަށް ޓަކައި ރާއްޖޭގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ނާއިބް ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ އިމާރާތްތަކާއި ވަސީލަތްތައް ތަރައްގީވެގެންދާއިރު އެންމެބޮޑު އެއްކަމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ޓަކައި ތިބޭ މުވައްޒަފުން، ހީވާގިކަމާއެކީގައި އެ ޚިދުމަތްތައް ފޯރުވައިދިނުން ކަމުގައި ވިދާޅުވި އެވެ. އަދި ސަރުކާރުގެ އަޒުމަކީ، ސަރުކާރުގެ މުއައްސަސާތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ޙައްޤުތަކަށް ފާރަވެރިވެ، ހުރިހާ މުވައްޒަފުންނާއެކީގައި މަސައްކަތްކުރުން ކަމުގައި ވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖެ އަށް އިޖުތިމާއީ ގޮތުން މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވި އެވެ. މިގޮތުން، ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށާއި މަސައްކަތުގެ ދާއިރާ އަށް ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ މައްޗަށް ވެސް އެމަނިކުފާނު ބައްލަވައިލެއްވި އެވެ.
ތައުލީމީ ނިޒާމަކީ އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެ ބަދަލުވަމުންދާ ދިޔުމަށް ޓަކައި ކުދިން ތައްޔާރުކުރާ ނިޒާމަކަށް ހަދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދު މިވަނީ ރާއްޖޭގެ ވަޒީފާގެ ދާއިރާ ފުޅާވެ، ކުރާ މަސައްކަތް ވަރަށް ބޮޑަށް ތަފާތުވެފައި ކަމަށާއި ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ ޒަމާންވީ މަސައްކަތްތައް ވެސް މިއަދު ރާއްޖޭގައި ކުރަނީ އިހުކުރި ގޮތާ މުޅިން ޚިލާފަށް، މާ ފުޅާ ދާއިރާއެއްގައި ކަމުގައި ނާއިބް ރައީސް ވިދާޅުވި އެވެ. މިގޮތުން، ބަދަލުވަމުންދާ މާހައުލަށް ބެލެނިވެރިންނާއި ދަރިވަރުން ތައްޔާރުކުރުމަށް ޓަކައި ތައުލީމީ ނިޒާމު ބައްޓަންކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ނާއިބް ރައީސް ބައްލަވައިލެއްވި އެވެ.