10 Jan 2014, 18:05
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެޓީމުގެ އާ ކޯޗުގެ އިރުޝާދުގެ ދަށުން މިއަދު ހަވީރު ފަރިތަކުރުންތައް ފަށައިފި އެވެ.
މިދިޔަ ސީޒަންގައި 100 ޕަސެންތް މޮޅުވުމުގެ ތާރީހީ ރެކޯޑަކާއެކު އެތެރޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ކްލަބުން މިސީޒަނަށް ފަރިތަކުރުންތައް ފެށިއިރު ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޓީމަށް މިދިޔަ ސީޒަންގައި ކުޅުނު މުހިއްމު ބައެއް ކުޅުންތެރިން އެހެންޓީމުތަކާ ގުޅުނުއިރު ނިއުއިން ވަނީ އާ ކުޅުންތެރިންތައް ސްކޮޑްގައި ހިމަނައިފަ އެވެ. އެގޮތުން އެ ޓީމުންވަނީ އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މުހުތާރު ނަސީރު (ޓޫކިލޯ) އަދި ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ޓީމަށް ގެނެސްފަ އެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ޕެރޭޒް ގާސިއާގެ އިރުޝާދުގެ ދަށުން މިއަދު ހަވީރު ނިއުގެ ފަރިތަކުރުންތައް ފެށި އިރު އެޓީމަށް އަންނާނެ އެންމެ ބޮޑު ހީނަރުކަމަކީ، ޓީމުގެ ކުރީގެ ފޯވާޑް އަދި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނެތްތަން ފޫބެއްދުމެވެ.
ދަގަނޑޭގެ ބަދަލުގައި ކުރިއަށް ކުޅެން އެޓީމަށް ހޯދާފައިވާ ބްރެޒިލް ފޯވާޑް ޖޯލްޓަން ރާއްޖެ ނާންނަތީވެ މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރި ވެފައި ނުވި ނަމަވެސް އެހެން ހުރިހާ ކުޅުންތެރިން މިއަދުގެ ފަރިތަކުރުންތަކުގައި ވަނީ ބައިވެރި ވެފަ އެވެ.
ނިއުގެ ފަރިތަކުރުންތައް ފެށި އިރު އެތަން ބަލައިލުމަށް މިހާރު މެލޭޝިއާގެ ދެވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ޕޮލިސް ޑި-ރާޖާ މެލޭސިއާ (ޕީޑީއާރުއެމް)އަށް ކުޅޭ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ގޮސް ހުއްޓެވެ. ދަގަނޑޭ މިވަގުތު ހުރީ ކުޅުމުގެ ތެރޭގައި ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށްޓަކައި ދެހަފްތާއެއްހައި ދުވަހަށް ކުޅުމާ ދުރުގަ އެވެ.
ނިއުގެ ފަރިތަކުރުންތައް މިއަދު ފެށިއިރު އެޓީމުގެ ޗެއާމަން އަލީ ވަހީދު ކުރިން ވިދާޅުވެފައި ވަނީ، ކްލަބުގެ އެންމެ ބޮޑު އަމާޒަކީ މިއަހަރުގެ ޕްރެޒިޑެންޓް ކަޕް މިލްކު ކުރުން ކަމަށެވެ. އަދި ކްލަބުގެ ކޯޗުގެ އެންމެ ބޮޑު އަމާޒަކީ މިއަހަރުގެ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ކަމަށްވާއިރު ސަޕޯޓަރުންގެ އުންމީދަކީ ވޭތުވެދިޔަ އަހަރުގެ ނަތީޖާ ތަކުރާރު ކުރުމެވެ.