10 Jan 2014, 17:55
ރާއްޖޭގެ ޗެމްޕިއަންސް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން މި ސީޒަންގައި އެންމެ ބޮޑު އަމާޒަކީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުން ކަމަށް އެ ޓީމުގެ ކޯޗު ކަމަށް އަލަށް ހަމަޖެއްސި ސްޕެއިން ޕެރޭޒް ގާސިއާ ބުނެފި އެވެ.
އެފްއޭއެމް ހައުސްގައި ނިއު އިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ބުނީ، އޭނާ ބޭނުން ވަނީ މިދިޔަ ސީޒަންގެ އޭއެފްސީ ކަޕްގައި ނިއުއިން ނެރުނު ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ.
"އަހަރެން ބޭނުން ވަނީ، ރަނގަޅަށް އޯގަނައިޒް ކުރެވިފައިވާ ޓީމެއްގެ ގޮތުގައި ކުޅެން. އޯގަނައިޒްކޮށް ކުޅުމަކީ ރަނގަޅު ނަތީޖާއެއް ނެރުމަށް ވަރަށް މުހިއްމު ކަމެއް،" ގާސިއާ ބުންޏެވެ. "އަލީ އަޝްފާގު މިހާރު ޓީމުގައެއް ނެތް. އެކަމަކު އަހަރެން އުމްމީދުކުރަން މިހާރު މިއޮތް ސްކޮޑާއެކު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް،"
މިދިޔަ ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއެކު ނިއުއިން ސީޒަން ނިންމާލާފައިވާއިރު އެއީ ޕްރެޝަރަކަށް ވާނެތޯ ސުވާލުކުރުމުން ކޯޗު ބުނީ އެވަރުގެ ކާމިޔާބެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
"ޕްރެޝަރެއް ނޫން އެއީ. އެކަމަކު 21 މެޗުން މޮޅުވުމަކީ އުނދަގޫ ކަމެއް. މީގައި މުހިއްމީ، ލީގު ކާމިޔާބުކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދުން،" ގާސިއާ ބުންޏެވެ.
ނިއުގެ ކުޅުމަށް ގެންނާނީ ކޮން ކަހަލަ ބަދަލުތަކެއްތޯ އާއި ސްޕެއިން ކުޅޭ ކަހަލަ ފުޓްބޯޅައެއް ފެނިދާނެތޯ ސުވާލުކުރުމުން ގާސިއާ ބުނީ، އޭނާ ބޭނުން ވަނީ، ހުރިހާ ޑިޕާޓްމަންޓުތަކެއް ވެސް ހަމަހަމަކޮށް ފެނިގެންދާފަދަ ކުޅުމެއް ކުޅެން ކަމަށެވެ.
"ކޮންމެ ސިސްޓަމަކަށް ކުޅުނަށް ފުޓްބޯޅައަކީ ހަމަހަމަކޮށް ކުޅެންޖެހޭ ކުޅިވަރެއް... ކުޅުންތެރިންނަށް ބަލާފައި ކުޅޭނެ ސިސްޓަމެއް އެނގޭނީ. މީގެ މުހިއްމު ކަމަކީ، އެޓޭކިން ކޮށް ކުޅުނަށް ޑިފެންސްކޮށް ކުޅުނަށް ހަމަހަމަކޮށް ކުޅުން،" ނިއުގެ ސްޕެއިން ކޯޗް ބުންޏެވެ. "ސްޕެއިން ފުޓްބޯޅަ ވަރަށް ވަރުގަދަވާނެ.. އެހެނަސް އަހަރެމެންނަށް އުންމީދު ކުރެވިދާނެ، ސްޕެއިންގެ ދެވަނަ ޑިވިޝަން ފެންވަރުގެ ފުޓްބޯޅައެއް ފެނިދާނޭ ކަމަށް،"
ނިއުގެ އާ ކޯޗު ބުނީ އެ ޓީމުގައި މިހާރު އޮތް ސްކޮޑާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށާއި އަދި މި ސީޒަންގައި އެ ކްލަބާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.