10 Jan 2014, 17:34
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ މީހަކު މަސްތުވާތަކެއްޗާއި ވަގަށްނަގާފައިވާ ސާމާނުތަކާ އެކު ނ. ވެލިދޫން ހައްޔަރުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައި ވަނީ އެރަށު މޭވާގޭ އަލީ މުހައްމަދު މަނިކު، 53، ކަމަށެވެ.
ކައުންސިލަރު ވިދާޅުވީ އަލީ މުހައްމަދު މަނިކު ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާތާ އެކަތެއް އަހަރު ވެފައިވާ ކަމަށާއި ސްކޫލް ކުދިން މެދުވެރިކޮށް ވެސް އޭނާ މީހުންނަށް މަސްތުވާތަކެތި ވިއްކައި ހަދާ ކަމަށެވެ.
"ސްކޫލް ކުދިން މެދުވެރިކޮށް މަސްތުވާތަކެތި ވިއްކައި ހަދާ. އަދި ޒުވާން އުމުރުގެ ކުދިން ލައްވައި ވެސް މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ މީހެއް އަލީ މުހައްމަދު މަނިކަކީ،" ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާ ދިރިއުޅޭ ގޭތެރެއިން ފުލުހުން ހޯދިތަކެތީގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އެރަށު މީހުންގެ ގެއިން ގެއްލިފައިވާ ލެޕްޓޮޕާއި ސީޕީޔޫގެ އިތުރުން މޯބައިލް ފޯނުތަކެއް ވެސް ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ކޯޓުއަމުރެއްގެ ދަށުން މޭވާގޭ ބަލައި ފާސްކުރަން ފަށާފައި ވަނީ އިއްޔެ ހަވީރު 5:00 ހާއިރު ކަމަށާއި ތުހުމަތު ކުރެވޭ މީހާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައިހުރި ބުލެޓް ސައިޒްގެ ހަތަރު ޕެކެޓާއި ބޮޑު ޕެކެޓެއްގެ އިތުރުން ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 500 އެމްއެލްގެ ދެ ފުޅި ފެނިފައިވާ ކަމަށެވެ.
http://www.sun.mv/albums/l_22230.jpg
އެގޭ ކާގެންއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ފަސް ރަބަރު ހޮޅިކޮޅު ފެނިފައިވާއިރު ގޯތި ތެރެއިން އަމިއްލައަށް ކައްކާފައި ހުރި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 500 އެމްއެލް ގެ ފުޅިއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
http://www.sun.mv/albums/l_22225.jpg
ފުލުހުން ބުނީ ވަގަށް ނަގާފައިވާ ގިނައަދަދެއްގެ ތަކެތި އެގޭތެރެއިން ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ހަތަރު ފުޓުބޯޅަ އާއި ތަފާތު ވައްތަރުގެ ގަހަނާއާއި އެކި ވައްތަރުގެ އިލެކްޓްރޯނިކް ސާމާނުތަކާއި ތަފާތު ބްރޭންޑްތަކުގެ ފޯނާއި ލެޕްޓޮޕާއި ގޭމް ކޮންސޯލާއި ހޯމް ތިއޭޓަރު ސިސްޓަމަކާއި ޕްރޮޖެކްޓަރެއްގެ އިތުރުން މަސްބާނަން ބޭނުންކުރާ ދޮށްޓާއި ދޮރުފަތާއި ވަޑާންކުރަން ބޭނުންކުރާ އިލެކްޓްރިކް ސާމާނާއި ކަރަންޓް ވަޔަރު ކުރަންބޭނުންކުރާ ސާމާނާއި ފާރުގަލާ ކުލައާއި ފާޚާނާ ތަށްޓާއި މޫނު ދޮންނަ ތަށި ފަދަ ތަކެތި ހިމެނޭ ކަމަށެވެ.
http://www.sun.mv/albums/l_22226.jpg
މީގެ އިތުރުންވެސް ދޯނި އަޅަން ބޭނުންކުރާ ނަގިއްޔާއި ވަލާއި ރެސިން ހަމަކާއި ދެ ރޯލް ސަޓާއާއި ގޭސް އުނދުނާއި ތަފާތު ވައްތަރުގެ ވަޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވެލިދޫގައި ފުލުހުން މިހާރު ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގައި އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމަކާ އެހީތެރިކަން ލިބެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
http://www.sun.mv/albums/l_22232.jpg