10 Jan 2014, 15:38
ވޭތުވެދިޔަ ސީޒަންގެ ފަހު ކޮޅުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މެނޭޖަރު ކަމުގެ ޒިންމާ އަދާކުރި އިބްރާހީމް އިބްތިޝާމް (އިއްބި) އެ ކްލަބުގެ ޑައިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ހަމަޖައްސައިފި އެވެ.
ހުސްވި ހަފްތާގައި ނިއު އިން ވަނީ އެ ކްލަބުގެ މެނޭޖަރުގެ މަގާމަށް ގާނޫނީ ވަކީލު އިސްމާއީލް ވިޝާމް ހަމަޖައްސައިފަ އެވެ.
ނިއުރޭޑިއަންޓުން މިއަދު ބުނީ، މީގެ ފަހުން ކްލަބުގެ އެޑްމިނިސްޓްރޭޓިވް ހުރިހައި މަސައްކަތެއް ބަލަހައްޓަމުން ގެންދާނީ، އިއްބި ކަމަށާއި އަދި ކުރިން ޓީވީއެމްގައި މަސައްކަތް ކުރި ތޮއްޔިބު ޝަހީމް ވެސް އިއްބިއަށް އެހީތެރިވުމަށް އެ ކްލަބަށް ގެނެސްފައިވާ ކަމަށެވެ.
ރާއްޖޭގެ ބޮޑެތި ފުޓްބޯޅަ ކްލަބުތަކުގެ ތެރެއިން މި ވަގުތު އެންމެ ވަރުގަދަ މެނޭޖްމަންޓެއް އޮތް ކަމަށް ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަބަޔަކު ގަބޫލުކުރާ ޓީމަކީ ނިއުރޭޑިއަންޓެވެ. އެގޮތުން ރާއްޖޭގެ ޗެމްޕިއަންސް ނިއު އިން ވަނީ، މިއަހަރުގެ ސީޒަނަށް ކްލަބު ވަރުގަދަ ކުރުމަށްޓަކައި ސްޕެއިންގެ ކޯޗަކާއި ބްރެޒިލްގެ ފޯވާޑެއް ގެނެސްފަ އެވެ. އަދި ރާއްޖޭގައި މިވަގުތު ތިބި ތަޖުރިބާ ހުރި މޮޅު ގިނަ ކުޅުންތެރިންތަކެއް ނިއުއަށް މިއަހަރު ގެނެސްފައިވާކަން ވެސް ފާހަގަ ކޮށްލެވެ އެވެ.
ނިއު އިން މިސީޒަނަށް ކްލަބުގެ ފަރިތަކުރުން މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ އިރު އެ ކްލަބުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ "ނިއު ރޭޑިއަންޓް ނައިޓް" މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.