އިނގިރޭސި ޕްރިމިއާ ލީގު ކްލަބު ޓޮޓެންހަމް ހޮޓްސްޕާގެ ފޯވާޑް ޖަމެއިން ޑިފޯ، މޭޖާ ސޮކާ ލީގު (އެމްއެސްއެލް)ގެ ޓޮރޮންޓޯ އެފްސީއާ ގުޅެން ނިންމާފައިވާކަމަށް ޓޮޓެންހަމް އިން ބުނެފި އެވެ.

މީގެ ކުރިން ވެސް ކެނެޑާގެ ޓޮރޮންޓޯ އެފްސީ އިން ޝައުގުވެރިކަން ފާޅުކޮށްފައިވާ، 31 އަހަރުގެ އިނގިރޭސި ފޯވާޑް، އެޓީމާ ގުޅުމަށް ހަމަޖެހިފައިވަނީ، އަންނަ ފެބްރުއަރީ މަހުގެ 28ގައި ކަމަށް ވެސް ޓޮޓެންހަމްއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޓޮޓެންހަމް އަށް މިހާތަނަށް 142 ލަނޑު ޖަހައިދީފައިވާ ޑިފޯ ބުނީ، އެ ކްލަބަކީ އޭނާގެ ހަޔާތާ ވަރަށް ބޮޑަށް ގުޅިފައިވާ ކްލަބެއް ކަމަށާއި އަދި ޓޮޓެންހަމްގައި އޭނާ ހޭދަކުރާ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކްލަބަށާއި ކްލަބުގެ ސަޕޯޓަރުން ނަށްޓަކައި ކޮށްދެވުނު ހުރިހައި ކަމެއް އުފަލާއެކު ކޮށްދޭނޭ ކަމަށެވެ.

"އެންމެނަށް ވެސް އެނގޭނެ މި ކްލަބަކީ އަހަރެންގެ ހަޔާތާއި ކިހާ ބޮޑަށް ގުޅިފައިވާ ކްލަބެއްކަން. އަހަރެން ޓީމަށް ކުޅޭ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އުފަލާއެކު މި ކްލަބަށާއި ސަޕޯޓަރުންނަށް ހިދުމަތްކޮށްދޭނަން،" ޑިފޯ ބުންޏެވެ.

ޑިފޯ ބުނީ، އެމްއެސްއެލް އަށް ކުޅެން ލިބުނު ފުރުސަތަކީ އޭނާއަށް އާ ތަޖުރިބާއަކަށް ވާނެ ކަމަށާއި އަދި އޭނާ އޭނާގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު އުމުރުން 35 އަހަރު ފުރޭނެ ކަމަށެވެ.

"މިފަދަ އާ ތަޖުރިބާއެއް ކޮއްލުމުގެ ފުރުސަތު ލިބުމުން އަހަރެން ވަރަށް ބޮޑަށް އުފާވޭ. އަހަރެންގެ ކޮންޓްރެކްޓް ހަމަވާއިރު އުމުރުން 35 ވާނެ. އެހެންވީމާ ދެން އެނބުރި އަންނައިރު ހުންނަން ޖެހޭނީ ކްލަބުގެ ސަޕޯޓަރެއްގެ ގޮތުގައި،" ޑިފޯ ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗު ޓިމް ޝާވުޑް ބުނީ، ޑިފޯއަށް މި ލިބުނީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ޓޮޓެންހަމް އަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ތަޖުރިބާކާރު ފޯވާޑު އެޓީމަށް ކުޅޭ އެންމެ ފަހު މިނިޓާ ޖެހެންދެންވެސް އޭނާގެ ހިދުމަތް ކުލަބަށް ލިބޭނޭކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް ކޯޗު ބުންޏެވެ.