10 Jan 2014, 14:28
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު ވެސްޓް ބްރޮމް އަލްބިއަންގެ ހެޑް ކޯޗުގެ މަގާމަށް ސްޕެއިންގެ ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ޕެޕޭ މެލް ހަމަޖައްސައިފި އެވެ.
ޕެޕޭ މެލް ވެސްޓްބްރޮމްގެ އާ ހެޑްކޯޗަކަށް ހަމަޖައްސާފައިވަނީ، 18 މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
ވެސްޓް ބްރޮމްގެ ކުރީގެ ކޯޗު ސްޓީވް ކްލަކް އެމަގާމުން ދުރުކުރުމަށް ފަހު، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެ ކްލަބުން އަންނަނީ އާ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އުމުރުން 50 އަހަރުގެ ސްޕެއިން ކޯޗާއެކު ކުރިން އެޓީމުން މަޝްވަރާތަކެއް ކުރި ނަމަވެސް މެލް އެޓީމުގެ ކޯޗުކަމާ ހަވާލު ނުވެ މަޑުޖެހިފައި އޮތީ، އޭނާއާ އެކު ބެޓިސްގައި މަސައްކަތްކުރި ބެކްރޫމް ސްޓާފުން ގޮވައިގެން އަންނަން އޭނާ ބޭނުންވާތީ އެވެ.
މެލްއާ އެކު ވެސްޓް ބްރޮމްގައި މަސައްކަތް ކުރާނީ ކުރީގެ އެސިސްޓެންޓް ހެޑް ކޯޗު ކެއިތު ޑައުނިން އާއި ގޯލް ކީޕާ ކޯޗު ޑީން ކީލީ އެވެ.
ޕްރިމިއާ ލީގުގައި މާދަމާ ސައުތުހެމްޓަންއާ ދެކޮޅަށް ވެސްޓް ބްރޮމް ކުޅޭ މެޗުގައި އެޓީމުގެ ކޯޗުކަން ކުރާނީ، ޑައުނިން ކަމަށް އެޓީމުން ވަނީ ބުނެފައެވެ. އަދި މެލް އެޓީމުގެ ކޯޗު ކަމުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ފެނިގެންދާނީ، މިމަހުގެ 20 ވަނަ ދުވަހު އެޓީމުގެ އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށްވެސް ވެސްޓް ބްރޮމް އިން ވަނީ ބުނެފަ އެވެ.
ވެސްޓް ބްރޮމްގެ ސްޕޯޓިން އެންޑް ޓެކްނިކަލް ޑައިރެކްޓަރު ރިޗަޑް ގާލިކް ވިދާޅުވީ އެޓީމުގެ ކޯޗުކަމަށް މެލް ހަމަޖެއްސީ އޭނާއަކީ އެކަމަށް އެންމެ އެކަށޭނަ ފަރާތްކަމަށް ގަބޫލުކުރާތީ ކަމަށާއި އަދި އޭނާ ކުރިން ހޯދާފައިވާ ކާމިޔާބު ތަކަށް ވެސް ބަލާފައި ކަމަށެވެ.
"ޕެޕޭ އަކީ އޭނާގެ ހައިރާން ކުރުވަނިވި ކާމިޔާބު ތަކުގެ ސަބަބުން މި ޓީމުގެ ކޯޗުކަމަށް ވާދަކުރި އެހެން ކެންޑިޑޭޓުންނަށް ވުރެ ގާބިލް ކޯޗެއް،" ރިޗަޑް ބުންޏެވެ. "އޭނާއަކީ ދުރުވިސްނޭ، އަދި އޭނާ ކޯޗު ކޮށްދޭ ޓީމުތައް ލައްވައި ގަޔާވާފަދަ ޕޮޒިޓިވް ސްޓައިލް ކުޅުމެއް ކުޅުވާ މޮޅު ކޯޗެއް،"
ބެޓިސްގެ ކޯޗު ކަމާ 2010 ވަނަ އަހަރު ހަވާލުވި ޕެޕޭ މެލް ވަނީ، އެޓީމު ދެވަނަ ޑިވިޝަންގައި އޮއްވައި ކޯޗު ކަމާ ހަވާލުވިތާ 12 މަސްދުވަހުގެ ތެރޭގައި އެ ޑިވިޝަންގެ ޗެމްޕިއަން ޓީމުގެ ގޮތުގައި ބެޓިސް ލަލީގާ އަށް ޕްރޮމޯޓް ކޮށްދީފަ އެވެ.
ކޯޗިން ކެރިއަރުގައި މީގެ ކުރިން ތަފާތު އަށް ކްލަބަކަށް ކޯޗުކަން ކޮށްދީފައިވާ މެލް ވޭތުވެދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި އިރުޝާދުދިން ކްލަބުތަކުގެ ތެރޭގައި ޓެނެރައިފް، އަލާފްސް އަދި ރަޔޯ ވަޔެކާނޯ ފަދަ ކްލަބުތައް ހިމެނެ އެވެ.