12 Dec 2010, 21:05
ރާއްޖެ އައިސްގެންއުޅޭ އިޒްރޭލުގެ ޑޮކްޓަރުން ދިވެހި ފަސްގަނޑުން ބޭރުކުރަންދެން މުޒާހަރާތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އެކަމާ ދެކޮޅަށް މާލޭގައި މުޒާހަރާ ފަށައިގެން އުޅޭ ފަރާތްތަކުން ބުނެފި އެވެ.
ރާއްޖެ އައިސްގެން އުޅޭ އިޒުރޭލުގެ ލޮލުގެ ޑޮކްޓަރުންނާ ދެކޮޅަށް މިރޭ އިރާކޮޅު ސުނާމީ ބިނާ ކައިރިން ފެށި މުޒާހަރާގެ ބައިވެރިން، އަޑު އުފުލަމުންދިޔައީ ރާއްޖެ އައިސްގެން އުޅޭ ޔަހޫދީ ޑޮކްޓަރުން ނިސްބަތްވާ "އައި ފްރޮމް ޒަޔޮން" ޖަމާއަތަކީ މުސްލިމުންނަށް ހެޔޮއެދޭ ބައެއް ނޫން ކަމަށާއި އެ މީހުން ރާއްޖެ އައިސްގެ އުޅެނީ ދިވެހިރައްޔިތުން ދީނީ ގޮތުން މަގުފުރެއްދުމަށްޓަކައި ކަމަށެވެ. އަދި މުސްލިމުންނަށް ބޭސްފަރުވާ ކުރުމަށްޓަކައި ހިލޭ ސާބަހަށް އެ މީހުން މަސައްކަތް ކުރަނީ، މުސްލިމުންގެ ހަށިގަނޑުތަކުގެ ގުނަވަންތައް ވަގަން ނެގުމުގެ ބޭނުމުގައި ކަމަށެވެ.
އިޒުރޭލުގެ ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނަށް ޖައްސާފައިވާ ބިކަ ހާލު ރަމްޒުކޮށްދޭ ފޮޓޯތަކާއި ލިޔުންތައް ހިފައިގެން ތިބި މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ ވަކި މަގުސަދެއްގައި ޑޮކްޓަރުންގެ ނަމުގައި ރާއްޖެ އައިސްގެންއުޅެ ނުލަފާ "ޖައްބާރު" މީހުން މިފަސް ގަނޑުން ބޭރު ނުކުރާހާ ހިނދަކު މުޒާހަރާތައް ހުއްޓާލުނާނެ ކަމަށާއި ޑޮކްޓަރުން ކަމަށް ބުނާ މީހުންގެ ފަރާތުން އެއްވެސް ފަރުވާއެއް ނުހޯދުމަށް ދިވެހި މުޖުތަމައުއަށް އެ މީހުން ގޮވާލާ ކަމަށެވެ. ސުނާމީ ބިނާ ކަރިން ފެށި މާލޭގެ މަގުތަކަށް ނުކުމެ އައިޖީއެމްއެޗާ ދިމާލަށް މިސްރާބު ޖެހުމުން ފުލުހުން އައިޖީއެމްއެޗަށް ދެވޭ މަގުތައް ބަންދު ކުރުމާއެކު ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދުވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފައެވެ.
ނަމަވެސް މުޒާހަރާކުރި އެ ސަރަހައްދު ދޫކޮށް މަގުތަކުގައި ޝުއޫރު ފާޅު ކުރުމަށްފަހު ސުނާމީ ބިނާ ކައިރިއަށް މުޒާހަރާ ނިންމާލީ އެވެ. އިޒުރޭލުގެ ލޮލުގެ ފަރުވާދޭ ހަތަރު ޑޮކްޓަރުންނާއި ތިން ނަރުހުންނާއެކު، މި މަހުގެ ފަހެއްގައި ރާއްޖެއައި އެ ޓީމާ ދެކޮޅަށް އަދާލަތު ޕާޓީއާއި އަމިއްލަ ޖަމިއްޔާ ޖަމާތްތަކުން ނުރުހުންފާޅު ކުރަމުންދާއިރު، އިޒްރޭލުގެ ޑޮކްޓަރުން ވަނީ އައިޖީއެމްއެޗްގައި ބަލި މީހުން ބަލަން ފަށާފައެވެ. އިޒްރޭލްގެ ޓީމުން ބަލި މީހުން ބަލަން ކަނޑައެޅި ދުވަހަށް ވުރެ ހަ ދުވަސް ލަސް ވެގެންދިޔައީ އެ ޑޮކްޓަރުންގެ ޓީމުން މެޑިކަލް ކައުންސިލްގެ ހުށަހަޅާފައިވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ނޫން ކަމަށް މެޑިކަލް ކައުންސިލުން ނިންމައިގެނެވެ. ނަމަވެސް ފަހުން އެމީހުންނަށް ވަނީ ހުއްދަ ދެއްވާފަ އެވެ. އެ ހުއްދަ ދެއްވީ އެ މީހުންގެ ސެޓްފިކެޓްތައް ސައްހަ ކައްމުގެ ތައްގަނޑު ޖެހަހާފައިވާ ލިޔުންތައް އަލުން ހުށަހަޅައިގެނެވެ.
އައި ފްރޮމް ޒަޔަން ގެ ލޮލުގެ ޑޮކްޓަރުންގެ ޓީމު ރާއްޖެއިން ބޭރު ކުރުމަށް ބަޔަކު ގޮވާލާއިރު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަނީ އިއްޔެ އެ މީހުންނާ ބައްދަލުކުރައްވާ ރާއްޖޭގެ ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކާ ގުޅުން ބަދަހި ކުރައްވައި، އެފަރާތްތަކުގެ އެހީގައި ޞިއްޙީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެއްބާރުލުން ދެއްވަމަށް އެދިވަޑައިގެންފަ އެވެ.
އިޒްރޭލްގެ ޑޮކްޓަރުންގެ ޓީމް "އައި ފްރޮމް ޒަޔަން"ގެ ނަމުގައި މަސައްކަތް ކުރާއިރު އެ އެމީހުން ބޭނުން ކުރާ "ޒަޔަން" އަކީ އަލް ގުދުސަށް ޔަހޫދީން ކިޔައި އުޅޭ ނަމެކެވެ. ޔަހޫދީންގެ ސިޔާސީ ބައިގަނޑެއްކަމުގައިވާ "ޒަޔަނިސްޓުންގެ" ނަން ނަގާފައިވަނީ "ޒައަން" މި ބަހުންނެވެ. "އައި ފްރޮމް ޒަޔަން" ގެ ބޭރުފުށުގެ މާނައަކީ "ޔަހޫންދީންގެ ފަރާތުން ލޮލެއް" ކަމަށް ވިޔަސް މީގައި ފޮރުވިފައިވާ މާނައަކީ ""އަހަންނަކީ ޔަހޫދީންގެ ތެރެއިންވާ މީހެއް" ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެ އެވެ.