10 Jan 2014, 14:07
ތޫނިސް (ޖަނަވަރީ 10): ތޫނިސްގައި އިންތިގާލީ ސަރުކާރެއް ގާއިމްކުރުމަށް އެގައުމުގެ ސިޔާސީ ފަރާތްތަކުން ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ބޮޑުވަޒީރު ޢަލީ އަލްޢުރައްޔިޟު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޢަލީ އަލްޢުރައްޔިޟަކީ ފާއިތުވި ދެ އަހަރު ތޫނިސްގައި ވެރިކަންކުރި އިސްލާމިކް ނަހްޒާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ތޫނިސްގައި އަލަށް އެކުލަވާލާ އިންތިގާލީ ސަރުކާރުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަ ވާނީ މަހްދީ ޖުމްޢާ އެވެ. ޖުމްޢާ އެމަގާމަށް އައްޔަން ކުރުމަށް އިސްލާމިކް ނަހްޒާ ޕާޓީ ހިމެނޭ ގޮތަށް ތޫނިސްގެ ވާދަވެރި ސިޔާސީ ޕާޓީތަކުން ވަނީ އެއްބަސްވެފަ އެވެ. ޓެކްނޯކްރޭޓެއް ކަމަށްވާ މަހްދީ ޖުމްޢާއަކީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މުސްތަގިއްލު ޝަޚްސިއްޔަތެކެވެ.
ތޫނިސްގެ އިންތިގާލީ ސަރުކާރު އެކުލަވާލުމުގެ ކަންތައް އެގައުމުގެ ރައީސް ޑރ. މުންސިފުލްމަރްޒޫޤީ ޖުމްޢާ އާ ވަރަށް އަވަހަށް ހަވާލުކުރައްވާނެ ކަމަށް އެގައުމުގެ ރިޔާސަތުން ބުނެ އެވެ. ތޫނިސްގައި އިންތިގާލީ ސަރުކާރެއް އުފެއްދުމުގެ ބޭނުމަކީ އެގައުމުގައި އަލަށް އެކުލަވާލި ދަސްތޫރާ މެދު ރައްޔިތުން ދެކޭގޮތް ބެލުމުގެ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކަންތައް ނިންމުމާއި ޕާލަމެންޓްރީ އިންތިޚާބެއް ބާއްވައިގެން އިންތިޚާބީ އައު ސަރުކާރެއް ވުޖޫދަށް ގެނައުމަށް ބޭނުންވާ ކަންތައްތައް ފުރިހަމަކުރުމެވެ.
ޢަރަބި ރަބީޢުގައި ވެރިކަން ބަދަލުވި ތޫނިސް ވެސް ވަނީ ހަމަނުޖެހުންތަކެއްގެ ތެރޭގަ އެވެ. ނަމަވެސް ޢަރަބި ރަބީޢުގައި ދެވަނައަށާއި ތިންވަނަ އަށް ވެރިކަން ބަދަލުވި މިސްރާއީ ލީބިޔާ ވެއްޓިފައިވާ ހަމަނުޖެހުންތަކުގެ ވަޅުގަނޑަށް ތޫނިސް ވެއްޓުނަ ނުދިނުމަށް ޓަކައި އެގައުމުގެ އިސްލާމީ ޚިޔާލުގެ ނަހްޒާ ޕާޓީ އާއި ޢިލްމާނީ ޕާޓީތައް ގުޅިގެން ގެންދަނީ ވާހަކަ ދައްކައި އެއްބަޔަކު އަނެއްބަޔަކަށް ދޫދީގެން މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. (އަލްޖަޒީރާ)