ވޮޝިންޓަން (ޖަނަވަރީ 10): އެމެރިކާ މިހާތަނަށް އޮތީ ނިއުކްލިޔާ ހަތިޔާރުގެ ގޮތުން ބާރުގަދަ ގައުމެއްގެ ގޮތުގައި ކަމަށާއި ކުރިމަގުގައި ވެސް އެމެރިކާ ދެމިއޮންނާނީ ބާރުގަދަ ނިއުކްލިޔާ ގައުމެއްގެ ގޮތުގައި ކަމަށް އެގައުމުގެ ދިފާޢީ ވަޒީރު ޗަކް ހެގްލް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއުކްލިޔާ ހަތިޔާރުތައް އައުކޮށް މަރާމާތުކުރާ "ސެންޑިޔާ" ލެބޯޓްރީ ތަކަށާއި ނިއުކްލިޔާ ހަތިޔާރު ރައްކާކޮށްފައިވާ "ކާޓްލޭންޑް"ވައިގެ ބޭހަށް ޒިޔާރަތް ކުރެއްވުމަށް ފަހު ޕެންޓަގަންގެ އެންމެ އިސްވެރިޔާ އަދި ދިފާޢީ ވަޒީރު ހެގްލް ވިދާޅުވީ ބާރުގަދަ ނިއުކްލިޔާ ޑިޓަރެންޓެއް އެމެރިކާގައި އޮންނަން ޖެހޭ ކަމަށާއި ބާރުގަދަ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެމެރިކާ އަށް ނިއުކްލިޔާ ހަތިޔާރު ބޭނުންވާ ކަމުގަ އެވެ.

ހެގްލް ވިދާޅުވީ ބާރުގަދަ ނިއުކްލިޔާ އައްޑަނައެއް އެމެރިކާގައި ބޭއްވުމަށް ޓަކައި އެމެރިކާގެ ނިއުކްލިޔާ ހަރިޔާރުތައް އައުކޮށް ޒަމާނީކުރަން ޖެހެ އެވެ. އަދިއެމެރިކާގެ ގައުމީ މަސްލަހަތު ރައްކާތެރިކުރުމަށް ޓަކައި ވެސް ނިއުކްލިޔާ ހަތިޔާރު އައުކޮށް ޒަމާނީކުރަން ޖެހޭ ކަމުގަ އެވެ. އެމެރިކާގެ މަޝްހޫރު "ސެންޑިޔާ" ލެބޯޓްރީ ތަކަށާއި "ކާޓްލޭންޑް" ވައިގެ ބޭހަށް ކުރެއްވި ޒިޔާރަތާ ގުޅިގެން ވާހަކަ ދައްކަވަމުން ޕެންޓަގަންގެ ވެރިޔާ ވިދާޅުވީ ބާރުގަދަ ނިއުކްލިޔާ އައްޑަނައެއް އޮންނަ ގައުމެއްގެ ގޮތުގައި އެމެރިކާއަށް ދެމިއޮވެވޭނީ އެމެރިކާގެ ނިއުކްލިޔާ ހަތިޔާރުތައް ޒަމާނާ އެއްފެންވަރަށް ތަރައްގީކުރުމުގެ އިތުރުން ސަލާމަތްތެރި ގޮތެއްގައި އެތަކެތި ގުދަންކުރުމުގެ ކަންތައް ވެސް ކުރެވިގެންނެވެ.

މިއީ ފައިސާ އާއި ޢިލްމާއި ތަޖްރިބާ ވަރަށް ބޮޑަށް ބޭނުންވާކަމެއް ކަމަށާއި އެމެރިކާގެ ދިފާޢީ ބަޖެޓް ކުޑަކުރަމުން ގެންދާއިރު މިކަމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ހެގްލް އެއްބަސްވެވަޑައިގެންނެވި އެވެ.

ނިއުކްލިޔާ ހަތިޔާރު އުފެއްދުން އެހެންގައުމުތަކަށް މަނާކުރުމަށް އެމެރިކާ މަސައްކަތްކުރަމުން ގެންދާއިރު ޚުދު އެމެރިކާ ގެންދަނީ ނިއުކްލިޔާ ހަތިޔާރު އިތުރަށް އުފައްދައި އަދި އުފައްދާފައިވާ ހަތިޔާރުތައް ވެސް އިތުރަށް ތަރައްޤީ ކުރަމުންނެވެ. އެމެރިކާގެ ޢަސްކަރީ ސިޔާސަތާއި ދިފާޢީ ސްޓްރެޓެޖީ ވެސް ބިނާވެފައި ވަނީ ނިއުކްލިޔާ ހަތިޔާރު އިތުރަށް ތަރައްޤީކުރުމާއި އެމެރިކާގެ ގައުމީ ދިފާޢުގެ އެންމެ މުހިއްމު ބައިގެ ގޮތުގައި ނިއުކްލިޔާ ހަތިޔާރު ހެދުމުގެ މައްޗަށެވެ.

ދުނިޔެއަކީ ނިއުކްލިޔާ ހަތިޔާރުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ގޮވާލެވޭ ގޮވާލުންތަކަށް އެމެރިކާ ދެކޮޅުހަދާ އިރު ނިއުކްލިޔާ ހަތިޔާރުގެ މޮނޮޕޮލީއެއް އުފައްދައި އެހެންގައުމުތައް ނިއުކްލިޔާ ޓެކްނޮލޮޖީން މަހްރޫމް ކުރުމަށް ވެސް އެމެރިކާ ގެންދަނީ އަމިއްލަ އެދުން ކުރިޔަށްނެރެ ހަރުކަށިކަމާ އެކު މަސައްކަތްކުރަމުންނެވެ.
އެމެރިކާގެ ނިއުކްލިޔާ ހަތިޔާރުތައް ޒަމާނާ އެއްފެންވަރަށް ތަރައްގީކޮށް ސަލާމަތްތެރި ގޮތެއްގައި އެތަކެތި ގުދަންކުރުމަށް ކުރިޔަށް އޮތް ތިރީހަކަށް އަހަރު ތެރޭގައި އެއްހާސް ބިލިޔަން ޑޮލަރު އެމެރިކާ އަށް ބޭނުންވާނެ ކަމަށް ޢަސްކަރީ ތަޖްރިބާކާރުން ލަފާކުރައްވަ އެވެ. ނަމަވެސް އެމެރިކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުގެ ސަބަބުން މިވަރުގެ ބޮޑު ބަޖެޓެއް ނިއުކްލިޔާ ހަތިޔާރަށް ޚާއްސަކުރުމަކީ އެމެރިކާ އަށް ދަތިކަމެއް ކަމެއްކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (ނޫސްއެޖެންސީތައް)