ސްޕެނިޝް ކިންގްސް ކަޕްގެ ގަދަ 16ގެ ފުރަތަމަ ލެގުގައި އޮސަސޫނާ އަތިން 2-0 އިން ރެއާލް މެޑްރި ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ ލޫކާ މޮޑްރިޗް ނަގައިދިން ހުރަހެއް މެޗުގެ 19 ވަނަ މިނިޓުގައި އޮސަސޫނާގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކަރިމް ބެންޒެމާ އެވެ. އަދި ދެވަނަ ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން ރެއާލްގެ ޒުވާން ފޯވާޑް ޖެސޭ ރޮޑްރިގޭޒް އެވެ.

ބެންޒެމާ އެންމެ ކުރީގައި ބަހައްޓައިގެން އޭނާގެ ފަހަތުގައި ގެރެތު ބޭލް، ރޮނާލްޑޯ އަދި ޖެސޭ ކުޅުނު ފޯރިގަދަ މެޗުގައި ރޮނާލްޑޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް އޭނާ ވަނީ ލަނޑު ޖަހަން ލިބުނު ރަނގަޅު ފުރުސަތުތަކެއް ބޭކާރު ކޮށްލައިފަ އެވެ.

އޮސަސޫނާއަށް ރެއާލްގެ ގޯލަށް ނުރައްކާވާފަދަ ރަނގަޅު ހަމަލާއެއް އުފެއްދިފައި ނުވާއިރު މި ނަތީޖާއާ އެކު ރެއާލް އަށް މިވަނީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް، ފަސޭހަވެފަ އެވެ.

މެޗަށް ފަހު ރެއާލްގެ ޑިފެންޑަރު އަލްވާރޯ އާބެލޮއާ ބުނީ، މެޗުގައި ބޭނުންވި ނަތީޖާ ނެރެވުނު ކަމަށާއި އެހެން ނަމަވެސް ހަމަޖެހުމެއް ލިބޭނީ، ދެވަނަ ލެގަށް ފަހު ކަމަށެވެ.

"މިއީ އަހަރެމެން ބޭނުންވި ނަތީޖާ. އެކަމަކު އޮސަސުނާގައި ކުޅޭ މެޗުތަކުގައި އެމީހުން އަބަދުވެސް އަހަރެމެންނަށް ވަރަށް ވަރުގަދައަށް ރައްދުދޭ،" ރެއާލްގެ ޑިފެންޑަރު ބުންޏެވެ.

ދެވަނަ ލެގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗުން ކާލޯ އެންޗެލޮޓީގެ ޓީމުން ރަނގަޅު ނަތީޖާއެއް ނެރެފިނަމަ އެޓީމު ކުއާޓާ ފައިނަލްގައި ވާދަކުރަން ޖެހޭނީ، އެސްޕަންޔޯލް ނުވަތަ އަލްކޮކޯން އާއި ދެކޮޅަށެވެ.