އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އިންޑިއާގެ ޑެޕިއުޓީ ކޮންސުލް ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ހައްޔަރުކޮށް ދައުވާކުރެވުނު ދޭވްޔާނީ ކޮބްރަގާޑޭ އިންޑިއާއަށް ގެންގޮސްފި އެވެ.

ދޭވްޔާނީ ކޮބްރަގާޑޭއަށް އެމެރިކާ ދޫކޮށް ދިއުމުގެ ފުރުސަތު އެގައުމުން ދިނީ ދޭވްޔާނީގެ މައްޗަށް ޖިނާއީ ދައުވާތަކެއް ކުރުމުން ވެސް، އޭނާގެ ޑިޕްލޮމެޓިކް އިމިއުނިޓީ ދޫކޮށްނުލާނެ ކަމަށް އިންޑިއާއިން ބުނުމާ ގުޅިގެން ނެވެ.

ދޭވްޔާނީ ކޮބްރަގާޑޭ ހައްޔަރުކޮށްފައި ވަނީ ވިސާ އޮޅުވާލުމުގެ އިތުރުން މަސައްކަތު މީހަކަށް ކަނޑައެޅިފައިވާ މިންވަރަށް ވުރެ ކުޑަ އުޖޫރައެއް ދިން މައްސަލާގައި ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ހައްޔަރުކުރުމުގެ ތެރޭގައި ދޭވްޔާނީގެ އަތުގައި ބިޑި އަޅުވާފައިވާއިރު، ހައްޔަރުކުރުމަށްފަހު ލައިގެން ހުރި އެއްޗެހި ބާލުވައިގެން ހަށިގަނޑު ބަލާ ފާސްކޮށްފައިވާ ކަމަށް އިންޑިއާއިން ބުނެ އެވެ.

ދޭވްޔާނީއަށް ކުރިމަތިކުރުވި ކަންތައްތަކަށް މައާފަށް އެދުމަށް އިންޑިއާއިން ވަނީ އެމެރިކާއަށް ގޮވާލާފަ އެވެ. ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ އެގައުމުގެ ސަލާމަތީ ބާރުތަކުން އެއްވެސް ކަމެއް ގާނޫނާއި ގަވާއިދާ ހިލާފަށް ކޮށްފައިނުވާ ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން ބުނީ ދޭވްޔާނީ އެމެރިކާއިން ފުރާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އިންޑިއާއިން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

މިމައްސަލައިގައި އެމެރިކާގެ ނިއު ޔޯކުގެ ކޯޓުން ބުނީ ދޭވްޔާނީއާ ދެކޮޅަށް ކުރެވިފައިވާ ދައުވާތައް ދޫކޮށް ނުލާނެ ކަމަށާއި، ދައުވާތައް "ޕެންޑިންގް" ގެ ގޮތުގައި ބަހައްޓާނެ ކަމަށެވެ. މީގެ މާނައަކީ ދޭވްޔާނީ އެމެރިކާއަށް އަރައިފިނަމަ، އޭނާ ހައްޔަރުކޮށް ދައުވާތައް އޭނާއާ ދެކޮޅަށް އަލުން ކުރެވޭނެ އެވެ.

ދޭވްޔާނީގެ މައްސަލާގައި އިންޑިއާ އަދި އެމެރިކާގެ ގުޅުންތައް ވަނީ ހީނަރުވެފަ އެވެ. އިންޑިއާއިން ވަނީ ދޭވްޔާނީ "ފަޟީހަތްކޮށް ބޭޒާރު" ކޮށްފައިވާ ކަމަށް ބުނެ ދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީގެ ވަށައިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ޖަހާފައިވާ ބެރިކޭޑްތައް ނަގައިފަ އެވެ. އަދި މިއެމްބަސީގެ ތެރޭގައި އެމެރިކާއިން ހިންގަމުން އައި ކުލަބެއް ބަންދުކޮށްފައިވާ ކަމަށް އެންޑީޓީވީ އިން ބުނެ އެވެ.