ދޫނިރޯގާގެ އެންމެ ނުރައްކާތެރި ބާވަތް ކަމަށްވާ "އޭވިއަން ފުލޫ އެޗް5އެން1" ޖެހިގެން އުތުރު އެމެރިކާގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

އުތުރު އެމެރިކާގެ ގައުމެއް ކަމަށްވާ ކެނެޑާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އެގައުމުގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްޥާ އަލްބާޓާގައި އެޗް5އެން1 ޖެހިގެން މަރުވި މީހާއަކީ، މިދިޔަ ޑިސެންބަރު މަހު ޗައިނާގެ ވެރިރަށް ބެއިޖިން އަށް ޒިޔާރަތްކުރި މީހެއް ކަމަށެވެ.

ކެނެޑާގެ ހެލްތު މިނިސްޓަރު ރޯމާ އަމްބްރޯސް ހާމަކުރެއްވި ގޮތުގައި، އެޗް5އެން1 ދޫނިރޯގާ ޖެހިގެން އަލްބާޓާގައި މަރުވި މީހާ މަރުވެފައިވަނީ އެހެންމީހުންނާ އެކަހެރި ކޮށްފައިވަނިކޮށް ކަމަށްވާތީ، އާންމު ރައްޔިތުންނަށް އެކަމުގެ ނުރައްކާ އެހާ ބޮޑެއް ނޫނެވެ. އަދި އެގައުމުގައި ފެތުރޭ މޫސުމީ ރޯގާއާއި މި ރޯގާއާ އެއްވެސް ގުޅުމެއް ނެތްކަމަށް ވެސް ރޯމާ ވިދާޅުވި އެވެ.

އަލްބާޓާގެ ޗީފް މެޑިކަލް އޮފިސާ އޮފް ހެލްތު، ޑރ. ޖޭމްސް ޓަލްބޮޓް ވިދާޅުވީ، "އޭވިއަން އިންފުލުއެންޒާ އަކީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އެހާ ފަސޭހައިން އަރާ ރޯގާއެއް ނޫން. އަދި މި ވަރަހަކީ މިހާރު އަލްބާޓާގައި ފެތުރެމުންދާ މޫސުމީ ރޯގާއާ އެއްވެސް ގުޅުންހުރި ކަމެއް ނޫން،" ކަމަށެވެ.

ކެނެޑާގެ ސިއްހީ ދާއިރާގެ އޮފިޝަލުން ގެންދަނީ، އެޗް5އެން1 ޖެހިގެން މަރުވި މީހާ، ޗައިނާއިން ކެނެޑާއަށް ދަތުރުކުރި ފްލައިޓުގައި ދަތުރު ކުރި އެހެން މީހުންވެސް ޗެކް ކުރަމުންނެވެ. އަދި މިހާތަނަށް އެއްވެސް މީހެއްގެ ހަށިގަނޑުން ވައިރަހުގެ އަލާމާތެއް ފެނިފައި ނުވާކަމަށް ވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އަލްބާޓާގައި މިހާރު ފެތުރެމުންދާ ރޯގާގައި، އެޗް1އެން1 ދޫނިރޯގާ ޖެހިގެން 10 މީހުން މަރުވެފައިވާ ކަމަށް ރެކޯޑުތައް ދައްކަ އެވެ.

ދޫނިރޯގާގެ އެންމެ ނުރައްކާތެރި ވައިރަސް ކަމަށްވާ އެޗް5އެން1ގެ ވައިރަސް އިންސާނުންނަށް ޖެހެނީ މަދުފަހަރެއްގަ އެވެ. އޭޝިޔާގެ ގައުމުތަކާއި މެދުއިރުމަތީގެ ގައުމުތަކުން ފެންނަ މި ދޫނިރޯގާގެ ނުރައްކާތެރި ވައްތަރު އާންމުކޮށް ޖެހެނީ ކުކުޅު ފަދަ ތަކެއްޗަށެވެ.

ދޫނީ ރޯގާ ޖެހުމުން އިންސާނުންގެ ނޭވާލާ ނިޒާމް ހާލާކުވެ ނުރައްކާތެރި ނިއުމޯނިއާ އަށް ބަދަލުވެ އެވެ. 2013 ވަނަ އަހަރު މި ބަލިޖެހިން މަރުވި މީހުންގެ އަދަދު 24 އަށް އަރާފައިވާއިރު މިހާތަނަށް އެޗް5އެން1 ޖެހިގެން މަރުވި މީހުންގެ ރެކޯޑު ކުރެވިފައިވާ އަދަދަކީ 38 އެވެ.