އަމީނިއްޔާ ސްކޫލް ކުރިމަތީ އޮންނަ ގޯޅިގަނޑުގެ ތެރޭގައި ހުންނަ ގެއަކުން ވައްކަން ކުރަން އުޅެނިކޮށް އެ ގޭގެ ތިންވަނަ ބުރިން ވެއްޓި 32 އަހަރުގެ އަންހެނަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިހާދިސާ ރިޕޯޓްކޮށްފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށާއި ވައްކަން ކުރަން އުޅެފައި ވަނީ މއ. ލައިޓް ކޯނާ ކިޔާ ގެއަކުން ކަމަށެވެ. އެގެއިން ވައްކަން ކުރަން އުޅުނީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި އުމުރުން 24 އަހަރުގެ އަންހެނެއް އަދި ވެއްޓުނު 32 އަހަރުގެ އަންހެން މީހާ ގުޅިގެން ކަމަށެވެ.

މިހާދިސާގައި އަންހެން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލް ފުލުހުން ހާމަކޮށްފައި ނުވާ ނަމަވެސް، މަންޒަރު ދުށް ފަރާތަކުން ސަން އަށް ރިޕޯޓްކޮށްފައި ވަނީ އަންހެން މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ރޭ ފަތިހުގެ ވަގުތެއްގައި ގެންގޮސްފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ، އެ އަންހެން މީހާގެ ކަނާތު އުޅަނބޮށި ކައިރިން ބިންދައިގެން ގޮސްފައިވާ ކަމަށާއި އަދި އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ.

ފަހަކަށް އައިސް ވައްކަން ކުރަން އުޅެނިކޮށް މިގޮތަށް މަތިން ވެއްޓޭ މީހުންގެ އަދަދު ގިނަވެފައިވާކަން ފާހަގަކޮށްލެވެ އެވެ. މިގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހު ފުލުހުންނަށް ފިލަން އުޅުނު މީހަކު ވަނީ ގެއެއްގެ ހަވަނަ ބުރިން ވެއްޓިފަ އެވެ.