10 Jan 2014, 09:57
ވޮޝިންޓަން (ޖަނަވަރީ 9) - އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުންގެންދާ ހަނގުރާމާގައި ރައީސް ބަރާކް އޮބާމާ ކަންތައް ކުރައްވާގޮތަށާއި ނައިބު ރައީސް ޖޯ ބައިޑެންގެ ގާބިލްކަމަށް ފާޑުވިދާޅުވެ، އެމެރިކާގެ ކުރީގެ ދިފާއީ ވަޒީރު ރޮބަޓް ގޭޓްސް ލިޔުއްވި ފޮތަށް ވައިޓް ހައުސްއިން ރައްދު ދީފި އެވެ.
ގޭޓްސް އަށް ރައްދުދީ ވައިޓް ހައުސްގައި ހުންނަ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަފްޣާން ހަނގުރާމައިގެ ހުރިހާ ކަމެއްގައިވެސް އޮބާމާގެ އިޚްލާސްތެރިކަން އެބައޮތް ކަމަށާ އަދި ނައިބު ރައީސް ޖޯ ބައިޑެންއަކީ އެމެރިކާގެ އެންމެ ގާބިލް ސިޔާސީ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމުގަ އެވެ. އަފްޣާން ހަނގުރާމާގައި ރައީސް ބަރާކް އޮބާމާ އަށާއި ނައިބު ރައީސް ޖޯ ބައިޑެންގެ އަށް ފާޑުވިދާޅުވެ، ޕެންޓަގަންގެ ކުރީގެ ވެރިޔާ ރޮބަޓް ގޭޓްސް ލިޔުއްވި ފޮތުގެ ނަމަކީ "ޑިއުޓީ: މެމޮޔާސް އޮފް އަ ސެކްރެޓަރީ އޮފް ވޯ" އެވެ.
އެމެރިކާ މަޝްހޫރު ނޫހެއްކަމަށްވާ ނިޔުޔޯކް ޓައިމްސްގައި ޝާއިޢުކޮށްފައިވާ އެފޮތުގެ ބައިތައް ބުނާގޮތުން އަފްޣާން ހަނގުރާމައިގާ އޮބާމާ ގެންގުޅުއްވި އަފްޣާނިސްތާނަށް 30 ހާސް ސިފައިން ފޮނުއްވުމުގެ އަސްކަރީ ސްޓްރެޓެޖީ ކާމިޔާބު ކުރެވިދާނެކަމާމެދު ޚުދު އޮބާމާ ޝައްކުކުރައްވާފައިވެ އެވެ.
އަދި އަފްޣާނިސްތާނުގައި ހުންނެވި އެމެރިކާގެ އަސްކަރީ ކޮމާންޑަރު ޑޭވިޑް ޕެޓްރިޔޮސްގެ އަސްކަރީ ގާބިލްކަމަށާއި އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއިގެ ގާބިލްކަމާމެދުވެސް އޮބާމާ ޝައްކުކުރައްވާ ކަމަށް ގޭޓްސް ލިޔުއްވާފައިވެ އެވެ. އަފްޣާން ހަނގުރާމައިގާ ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އޮބާމާ ދެއްވަމުންގެންދަވާ ސަޕޯޓާއި ތާއީދަށް ޝައްކު ނުކުރެއްވި ނަމަވެސް އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި އަދާކުރަމުން ގެންދާ ދައުރަށާއި އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި އަދާކުރާ މިޝަންއަށް އޮބާމާ އިތުބާރުކުރާ މިންވަރާމެދު ޝައްކުތަކެއް ހުރި ކަމަށްވެސް އެފޮތުގައި ގޭޓްސް ލިޔުއްވާފައިވެ އެވެ.
މީގެއިތުރުން އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެންގެ ގާބިލްކަމަށް ފާޑުވިދާޅުވެ ބައިޑެންއަކީ ތެދުވެރި އަދި ނަޒާހަތްތެރި ބޭފުޅެއް ކަމަށް ސިފަކުރެއްވި ނަމަވެސް އޭނާއަކީ ސިޔާސީ ވިސްނުންކޮށި ބޭފުޅެއް ކަމަށާ އެމެރިކާގެ ޚާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތާބެހޭކަންތައްތައްފަދަ ބޮޑެތި މައްސަލަތަކުގައި ބައިޑެން ނިންމަވާފައިވާ ކޮންމެ ނިންމެވުމެއްގައިވެސް އޭނާ ގޯސް ހައްދަވާފައިވާ ކަމަށް ގޭޓްސްގެ ފޮތުގައި ލިޔުއްވާފައިވެ އެވެ.
ގޭޓްސް މި ފާޑުވިދާޅުވުންތަކަށް ރައްދީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްޣާން ހަނގުރާމައިގާ އޮބާމާ އެއްވެސް ގޯހެއް ނުހައްދަވާ ކަމަށާ އަދި ނައިބު ރައީސް ޖޯ ބައިޑެންއަކީ އެމެރިކާގެ އެންމެ ގާބިލް ސިޔާސީ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމާމެދު އޮބަމާ ޝައްކު ނުކުރައްވާ ކަމުގައެވެ. ރޮބަޓް ގޭޓްސް އަކީ އޮބާމާގެ ސަރުކާރުގަ އާއި އަދި ކުރީގެ ރައީސް ޖޯޖް ބުޝްގެ ސަރުކާރުގައި ވެސް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންގެ އެންމެ އިސްވެރިޔާގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
އެމެރިކާގެ ކުރީގެ މަސްއޫލުވެރިން އެމެރިކާ ސަރުކާރަށާއި ރައީސަށް ފާޑުވިދާޅުވުމަކީ އާންމު ކޮށް ހިނގާ ކަމެއް ނަމަވެސް މިފަދަ ފާޑުކިޔުންތަކަށް މިހާ ކުއްލި ގޮތަކަށް ވައިޓް ހައުސްއިން މީގެކުރިން ރައްދު ދީފައިނުވާ ކަމަށް އެމެރިކާގެ ނޫސްތައް ބުނެއެވެ. (ރޮއިޓާސް)