ދ. މީދޫން އަހްމަދު ސާއިލް އަލީ

ޕާޓީގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދާލަތު ޕާޓީއަށް ގޮވާލައްވައިފި އެވެ.

ރައީސް ޔާމީން އެގޮތަށް ގޮވާލެއްވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން ނުކުންނަވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ. މީދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރު ކޯލިޝަނާ ނުގުޅި، އަމިއްލައަށް އިންތިޚާބުގައި ވާދަކުރުމަށް އަދާލަތުން ނިންމާފައިވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އެގޮތަށް ކަންވެފައި އޮތްނަމަވެސް ބައިބައިވުމަށް ފުރުސަތުދީގެންނުވާނެ ކަމަށެވެ.

"އަދާލަތު ޕާޓީ މިހާރު މިވަނީ ސަރުކާރުކާރު ކޯލިޝަނުން ވަކިވެ އަމިއްލައަށް އިންތިޚާބުގައި ވާދަކުރަން ނިންމާފައި. މިއީ ވަރަށް ބޮޑު ހިތާމައެއް. މިކަމުގެ ސަބަބުން ބައިބައިވުމަށް ފުރުސަތު ދީގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެމަނިކުފާނު ގެނައުމަށްޓަކައި އަދާލަތު ޕާޓީން ކުރި މަސައްކަތްތައް ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވައި ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެފަދަ އެއްބާރުލުމެއް ދިނުމަށް އަދާލަތު ޕާޓީއަށް ގޮވާލައްވާފަ އެވެ.

ރައީސް ވިދާޅުވީ ސަރުކާރު ކޯލިޝަނާ ވަކިން އަދާލަތު ޕާޓީން އިންތިޚާބުތަކުގައި ވާދަކުރުމުން އެކަމުގެ ގެއްލުންވާނީ ރައްޔިތުންނަށް ކަމަށާއި އެކަމުގެ ސަބަބުން ވޯޓުތައް ބައިބައިވެ އިދިކޮޅު ފަރާތްތަކަށް ގޮނޑިތައް ކާމިޔާބު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އެހެންކަމުން އަދާލަތު ޕާޓީން ސަރުކާރު ކޯލިޝަނާ ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފަ އެވެ.