ސޯމާލިއާ ކަނޑުފޭރޭ ބަޔަކު ދަތުރު ކުރި ކަމަށް ބެލެވޭ ޑިންގީއެއް ހަތިޔާރާއެކު ބ. އަތޮޅު ކެންދޫ މަސްދޯންޏަކަށް ފެނިއްޖެ އެވެ.


އެމްއެންޑީއެފްގެ މިޑިޔާ އޮފިޝަލު ވިދާޅުވީ ފެނުނު ޑިންގީގައި މީހުން ނެތް ނަމަވެސް 11 ވަޒަނާއި ވަޒަނެއްގެ ދޯރިއެއް އޮތް ކަމަށެވެ.


ޑިންގީގައި ހުރި ވަޒަންތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އަދި ވިދާޅުވީ ވަޒަންތައް ހުރީ ދުވަސް ވަރަށް ބޮޑަށް ދަމިލަ ޖަހާފައި ކަމަށާއި ޑިންގީ ވެސް ފެނުނު އިރު އޮތީ ދެފެން ދޭތެރޭގައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ އިރާކޮޅު ވަގުތެއްގައި ކެންދޫ މަސްދޯޏަކަށް ފެނުނު ޑީންގީގެ މައްސަލަ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ބަލަމުންދާ ކަމަށެވެ.


އެމްއެންޑީއެފުން ބުނީ ސިފައިންގެ އުޅަނދެއް މިހާރު ބ. އަތޮޅަށް ފޮނުވާފައިވާ ކަމަށެވެ.


ފަހަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުން ސޯމާލިއާ މީހުން ފެނުން ވަނީ އާއްމު ކަމަކަށް ވެފައެވެ. އެގޮތުން މިދިޔަ މަހުގެ 28 ގައި ސޯމާލިއާ ހަ މީހުންނާއެކު ފުވައްމުލަކަށް ޑިންގީއެއް ލައްގާފައިވާއިރު، އޭގެ ދެ ދުވަސް ފަހުން ސޯމާލިއާ ތިން މީހުންނާއެކު ގދ. ތިނަދޫ ބޭރުން ޑިންގީއެއްވަނީ ފެނިފައެވެ. އަދި މިއަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ސޯމާލިއާގެ ހަ މީހަކު ތިބި ޑިންގީއެއް ހދ. މަކުނުދޫ ކައިރީ އޮންނަ ފަޅު ރަށެއްގެ ބޭރުން ފެނިފަ އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ހަތް މީހުންނާ އެކު އައި މަސްބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މީގެ އިތުރުންވެސް އައްޑު އަތޮޅުން ވަދު މަސްވެރިކަމަށް ނުކުމެ އުޅުނު ބަޔަކަށް ވަނީ ހިތަދޫ ކޯއްޓޭއާ ދިމާލުން ވެސް ސޯމާލިއާގެ ހާލުގައި ޖެހިފައި ތިބި ހަތް މީހަކު ޑިންގީއެއްގައި ފެނިފައިވެއެވެ. އަދި މިހާތަނަށް ރާއްޖޭގައި އެގޮތަށް ލައްގާފައިވާ ސޯމާލިއާ 34 މީހުން އެބަތިބި ކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެއެވެ.