09 Jan 2014, 23:25
ހއ. ދިއްދޫގައި ބޮއްކުރައެއްގައި މަހަށް ދިޔަ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ދިއްދޫ ކައުންސިލް މެމްބަރު އަހްމަދު ޖަމީލް ވިދާޅުވީ ގެއްލިގެން ހޯދަނީ ސ. ހިތަދޫ ވިންސަމް އުމުރުން 39 އަހަރުގެ އަހްމަދު މުޖުތަބާ ކަމަށެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނާއި ދިއްދޫ ރައްޔިތުން ގުޅިގެން މުޖުތަބާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ މުޖުތަބާއާ އިތުރު ދެ މީހަކު ބޮއްކުރާގައި މަހަށް ދިޔައީ މިއަދު ހަވީރު 5:00 ހާއިރު ކަމަށާއި އެ ބޮއްކުރާ ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 9:34 ހާއިރު ކަމަށެވެ.
ބޮއްކުރައިން މަހަށް ދިޔަ މީހުންގެ ތެރެއިން މުޖުތަބާ ފިޔަވައި އެހެން މީހުން ރަށަށް ގޮސްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޖުތަބާ ގެއްލިފައި ވަނީ ބޮއްކުރާ ދޫކޮށްލާފައި ނުދާނެ ކަމަށް ބުނެ ބަންޑުން ޖަހާލި ބޮއްކުރާ މަތީގައި އޮއްވައި ކަމަށެވެ.