އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓުގެ ހިދުމަތްތައް ރަނގަޅުކޮށް ފުޅާ ކުރުމަށް ޓަކައި ފަސިންޖަރުންގެ މުދާ އުފުލާ މުޅިން އައު ޕެކޭޖް ޓްރަކްޓަރުތަކެއް މިއަދު ތައާރަފް ކޮށްފި އެވެ.

އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން އެއާޕޯޓުގައި އަލަށް ތައާރަފުކޮށްފައި ވަނީ އެއާޕޯޓްތަކުގައި ބޭނުންކުރާ އުޅަނދުތައް ފަރުމާކޮށް ތައްޔާރުކުރަމުންދާ އެމެރިކާގެ ކުންފުންޏެއްގެ ބެގޭޖް ޓްރަކްޓަރެވެ.

އެ އުޅަނދުތައް ޑްރައިވަރުންނާ ހަވާލުކޮށްދެއްވީ އެކަމަށް އެއާޕޯޓުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އިސް އޮފިޝަލުންނާއި އެއާލައިންތަކުގެ އިސް އޮފިޝަލުންނެވެ.

ޓްރަކްޓަރުތައް ތައާރަފް ކުރުމުގެ ރަސްމިއްޔާތަށް ފަހު އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު ބަންދު އިބްރާހީމް ސަލީމް މީޑިއާ އަށް ވިދާޅުވީ އެ ޕެކޭޖް ޓްރަކްޓަރުތަކަކީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ގްރައުޑް ހޭޑްލިންގެ ހިދުމަތް ހަލުވިކުރުވުމަށް ޓަކައި އެ ކޮމްޕެނީން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ގެނައި އުނޅަދުތަކެއް ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ ސައްތައިގައި ހާސިލުކުރަން ކަނޑައަޅާފައިވާ އެ ޕްރޮގްރާމްގެ ދަށުން އިތުރު އުޅަނދުތަކެއް ގެންނާނެ ކަމަށް ވެސް ބަންދު ވިދާޅުވި އެވެ.

"ދެހާސް ހަތް ވަނަ އަހަރަށް ފަހު މިކަހަލަ އެއްޗިއްސެއް އަދި ނުގެނެވޭ. އިތުރަށް އަންނާނެ އަދި ބޯޓަށް މުދާ އަރުވާ އެއްޗެހި. ބެގޭޖް ސިޑިތަކާއި ފަސިންޖަރުންނަށް ބޭނުންވާނެ ހުރިހާ ސާމާނު އަރުވާ ބާލާ އެއްޗެހި. ބަލި މީހުން އަރުވާ ބާލާ އިކުއިޕްމެންޓް، މިހުރިހާ އެއްޗެއް އައުމުން އެއާޕޯޓުގެ މިހާރުގެ ތޮއްޖެހުން ލުއިވެ ބަރާބަރަށް މުދާ އަރުވާ ބާލައި ހެނދޭނެ،" ސަލީމް ވިދާޅުވި އެވެ.

މީގެ އިތުރުން ފަސިންޖަރުން އަރުވާ ބާލަން މިހާރު ބޭނުންކުރަމުންދާ ބަސްތަކަކީ އެކަމަށް އެކަށީގެންވާ ބަސްތަކަކަށް ނުވާތީ އިތުރު ހަތަރު ބަސް ވެސް ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އެއާޕޯޓުގެ ހިދުމަތްތައް ރަނގަޅުކޮށް މިހާރަށް ވުރެ އަވަހަށް ހިދުމަތް ދިނުމަށް ޓަކައި ފަށާފައިވާ އެ ޕްރޮގްރާމަށް ކުންފުނިން ޖުމްލަ ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރު ހަރަދު ކުރާ އިރު އެ ޕްރޮގްރާމަށް ބޭނުންވާ ހުރިހާ ސާމާނެއް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ގެނެސް ނިމޭނެ ކަމަށެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ އަށް ބޮޑެތި ކަންކަން ފެށިގެން ދާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ ސައްތައިގެ ތެރޭގައި އޭޕްރަން އާއި ރަންވޭގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތުގެ އިތުރުން ޑޮމެސްޓިކް ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފައްޓާނެ ކަމަށް ވެސް ބަންދު ވިދާޅުވި އެވެ.