09 Jan 2014, 21:35
އަންނަ މޭ މަހުގެ 19 އިން 30 އަށް ރާއްޖޭގައި ބާއްވަން އުޅޭ އޭއެފްސީ ޗެލެންޖު ކަޕް ނުބޭއްވިއްޖެ ނަމަ އެކަމާ ހިތާމަކުރާ ކަމަށް އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ އެކްސްކޯގެ މެމްބަރު އަދި އެފްއޭއެމުގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
"ސަން އޮންލައިނާ" ވާހަކަ ދައްކަމުން އާޒިމް މިރޭ ވިދާޅުވީ، ޗެލެންޖު ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ނުފަށައިފި ނަމަ އެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު އެއްކޮށް ގެއްލޭނެ ކަމަށް އެފްއޭއެމްގެ މިހާރުގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވެފައި ވާތީ އެކަމާ ހިތާމަ ކުރާކަމަށެވެ.
"ޗެލެންޖް ކަޕް ރާއްޖޭގައި ބާއްވަން އެންމެ ފުރަތަމަ ފުރުސަތު ހޯދައިދިނީ އަހަރެން ކުރި ބުރަ މަސައްކަތުން. މުބާރާތް ނުބޭއްވިއްޖެ ނަމަ އަހަރެން އެކަމާ ވަރަށް ހިތާމަކުރަން." އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، އަދިވެސް މުބާރާތް ބާއްވަން އުޅެފި ނަމަ އެކަން ކުރެވޭނެ ކަމަށާއި އެކަން ނުކުރެވޭންވީ އެއްވެސް ސަބަބެއް ފެންނާން އަދި ނެތް ކަމަށެވެ.
އެފްއޭއެމްގެ މިހާރުގެ ރައީސް އިލްހާމް އަހްމަދު މީގެ އެއްދުވަސް ކުރިން ސަން އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ ޗެލެންޖު ކަޕަށް ތައްޔާރުވުމުގެ މަސަކަތް މިހާރު ވެސް ވަރަށް ބޮޑުތަން ފަސްވެފައިވާ އިރު އެ މަސައްކަތް ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ނުފަށައިފި ނަމަ ރާއްޖޭގައި މުބާރާތް ނުބާއްވާނެ ކަމަށެވެ. އަދި ޗެލެންޖް ކަޕް ބޭއްވުމަށް ސަރުކާރުން ވަރަށް ބޮޑު އެއްބާރު ލުމެއް ދެއްވަމުން އެބަ ގެންދަވާ ކަމަށާއި އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު އެކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ކޮންމެ ވެސް ހިސާބަކުން އެ މަސައްކަތް މަޑުޖެހެމުން އެބަދާ ކަމަށް ސަން އަށް ދެއްވި އިންޓަވިއުގައި އިލްހާމް ވިދާޅުވި އެވެ.
ޗެލެންޖް ކަޕުގެ މެޗުތައް ކުޅުމަށް ހަމަޖައްސާފައިވާ ގަލޮޅު ރަސްމީ ބޯޅަދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމް މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނުފެށިއްޖެ ނަމަ އެ މުބާރާތް ފިލިޕީންސްގައި ބާއްވަން އޭއެފްސީގެ ކޮމިޓީން ކުރިން ވަނީ ފާސްކޮށްފަ އެވެ. އަދި ހަމަ އެހެންމެ ފަހުން އޭއެފްސީގެ މަތީފެންވަރުގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް ދަނޑުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ހާލަތު ވަނީ މޮނިޓާކޮށްފަ އެވެ.
ރާއްޖޭގައި ޗެލެންޖް ކަޕް ބޭއްވުމަށް ޓަކައި މުބާރާތުގެ ގުރުލުން ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެހިފައިވާ އިރު އެ މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ ދެ ދަނޑު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަދިވެސް ވަނީ ނުފެށި އެވެ. އަދި އެފްއޭއެމުން ރާވާފައި ވަނީ ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅޭށެވެ. އަނެއް ގްރޫޕުގެ މެޗުތައް އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމުގައި ބޭއްވުމަށް ވެސް ވަނީ ޕްލޭންކޮށްފަ އެވެ.
ދަނޑުތައް މަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ދެފަހަރެއްގެ މަތިން މިހާރު ވެސް ވަނީ އިއުލާނު ކޮށްފަ އެވެ.
ކުޅިވަރާ ބެހޭ ވަޒީރު މީގެ ކުރިން ސަން އަށް ވިދާޅުވެފައި ވަނީ، ޗެލެންޖް ކަޕް ރާއްޖޭގައި ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެ މުބާރާތް ބޭއްވުމަށް، ސަރުކާރު ތެރެއިން ކޮށްދެވެން ހުރި ހުރިހައި ކަމެއް ކޮށްދެއްވާނޭ ކަމަށެވެ.
މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރާއްޖެއާ އެކު ދެން މުބާރާތުގައި ވާދަކުރާ އަނެއް ގައުމުތަކަކީ މުބާރަތުގެ ކޮލިފައިން ބުރުގައި ގްރޫޕް އޭ ފަޅިން ހަތް ޕޮއިންޓާ އެކު އެއްވަނަ މަގާމް ހޯދި މިޔަންމާ އާއި ގްރޫޕް ބީ ފަޅިން ނުވަ ޕޮއިންޓާ އެކު އެއް ވަނަ މަގާމް ހޯދި ކިރްގިސްތާނާއި ގްރޫޕް ސީ ފަޅިން ހަތް ޕޮއިންޓާ އެކު އެއް ވަނަ މަގާމް ހޯދި އަފްގާނިސްތާނާއި ގްރޫޕް ޑީ ފަޅިން ހަތް ޕޮއިންޓާ އެކު އެއް ވަނަ މަގާމް ހޯދި ޕަލަސްތީނާއި ގްރޫޕް އީ ފަޅިން ނުވަ ޕޮއިންޓާ އެކު އެއްވަނަ ހޯދި ޕިލިޕީންސެވެ. ދެން ކޮލިފައި ވެފައި ވަނީ ކޮލިފައިންގައި ވާދަކުރި ފަސް ގްރޫޕުން ދެ ވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ގައުމުގެ ގޮތުގައި ހަ ޕޮއިންޓާ އެކު ގްރޫޕް އީގަ ވާދަކުރި ތުރްކުމަނިސްތާނާއި ހަ ޕޮއިންޓާ އެކު ގްރޫޕް ޑީ ފަޅިން ވާދަކުރި ބަގްލްދޭޝް އެވެ.
ޗެލެންޖް ކަޕް ފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވިއްޖެ ނަމަ އޭގެ ފައިދާ ރާއްޖޭގެ ފުޓްބޯޅައިގެ އިތުރުން އިގްތިސާދަށް ވެސް ކުރާނެ އެވެ. އަދި ހަމަ އެހެންމެ މި މުބާރާތް ރާއްޖޭގައި މިފަހަރު ނުބޭއްވިއްޖެ ނަމަ އެކަމުގެ ލަދުވެތިކަން ބޮލުގައި އެޅުމުގެ އިތުރުން ކުރިއަށް އޮތްތަނުގައި ރާއްޖެއަށް މިފަދަ ފުރުސަތުތައް ލިބުމުގައި އުނދަގޫތަކެއް ވެސް ކުރިމަތިވާނެ އެވެ.
ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.