09 Jan 2014, 21:30
މައްޗަންގޯޅީ ކޮފީކޯނާ ކައިރިން ތޫނުއެއްޗަކުން ހަމަލާދީ މއ. އައިޝާ ހުސައިން ވަހީދު މަރާލި މައްސަލައިގެ ތުހުމަތުގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ތިން ކުއްޖަކާއި ދެ މީހަކު ކަމަށެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިމުނުހާ އަވަހަކަށް އެ ހާދިސާގެ ތަފްސީލީ މައުލޫމާތު މީޑިއާ އަށް ހިއްސާކުރައްވާނެ ކަމަށެވެ.
ހުސައިން ވަހީދު މަރާލި މައްސަލައިގެ ތުހުމަތުގައި މީގެކުރިން ފުލުހުން ވަނީ 26 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.
އުމުރުން 22 އަހަރުގެ ހުސައިން ވަހީދު މަރުވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:45 ހާއިރު ކޮފީކޯނާ ކައިރީގައި އިތުރު މީހަކާ އެކު ހުއްޓައި ބަޔަކު މީހުން ތޫނުއެއްޗަކުން ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ.
ހުސައިން ވަހީދުގެ މެޔަށް ވަރަށް ފުންކޮށް ތޫނުއެއްޗެއް ހަރާލާފައިވާއިރު އޭނައާ އެކު އެތަނުގައި ހުރި މއ. ރާޅުއަރިގޭ ޝާޒު ޝަރީފަށް ވެސް ވަނީ ތޫނުއެއްޗަކުން ހަމާލާދީފަ އެވެ. ނަމަވެސް އޭނާއަށް އެހާ ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވެއެވެ.
ހުސައިން ވަހީދު މަރާލި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހިލޭ ގުޅޭ ނަމްބަރު 119 ނޫންނަމަ 3322111 ނުވަތަ 9911099 އަށް ގުޅުއްވައި އެމައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފަ އެވެ.